އެމް.ޑީ.ޕީ. ގެ ޗެއާޕާރސަންކަމުގެ ދައުރުގައި އަލްއުސްތާޛު ޙަސަން ލަޠީފް ކޮށްދެއްވި އަގުހުރި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުދެންނެވުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ ޗެއާޕާރސަންކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށްދެއްވައި، އެ މުއްދަތުގައި މި ޕާރޓީއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް އަލްއުސްތާޛު ޙަސަން ލަޠީފަށް ނުހަނު އިޚްލާޞްތެރިކަމާއެކު މި ޕާރޓީން ޝުކުރުދަންނަވަމެވެ.

އަލްއުސްތާޛު ޙަސަން ލަޠީފް ޗެއާޕާރސަންކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގަތުމާއެކު އެ މަޤާމާ ޙަވާލުވެވަޑައިގެންފައިވަނީ 12 ފެބްރުއަރީ 2017 ވަނަ ދުވަހުގައެވެ. އަދި އެމަނިކުފާނަކީ މި ޕާރޓީގެ ޗެއާޕާރސަންކަމުގެ 5 އަހަރު ދުވަހުގެ މުއްދަތު މިހާތަނަށް އެއްކޮށް ފުރިހަމަކުރެއްވި ހަމައެކަނި ފަރާތެވެ. މި ޕާރޓީގެ އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަވައި، އެ މުއްދަތުގެ ތެރޭގައި އިދާރީ ހިންގުމަށް ގިނަގުނަ ހެޔޮ ބަދަލުތަކެއް އެމަނިކުފާނު ގެންނަވާފައިވާކަން ފާހަގަކުރަމެވެ. އިދާރީ މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ މެދުގައި މަޞްލަޙަތު ހިފެހެއްޓެވުމަށް އަދާކުރެއްވި ޒިންމާއިން ފެށިގެން ޕާރޓީގެ އެކިއެކި ގުނަންތައް ވަރުގަދަކުރެއްވުމާއި މެމްބަރޝިޕް އިތުރުކުރެއްވުމާއި ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ގޮތުގައި މި ޕާރޓީ ނަގަހައްޓަވައިދެއްވާފައިވެއެވެ.

މިދިއަ ސަރުކާރުގެ ޚުދުމުޚުތާރު އަނިޔާވެރިކަމުގެ ތެރޭގައި ވެސް މި ޕާރޓީ ރުކުރުވާލައި، ސިޔާސީ ޙަރަކާތްތައް އެންމެ މަތީ ދަރަޖައަކަށް އިންތިޒާމްކޮށްދެއްވައި ސާބިތުކަން ހިފަހައްޓަވާދެއްވުމުގައި ޗެއާޕާރސަންގެ ހައިސިއްޔަތުން އެމަނިކުފާނު ލީޑަރޝިޕް ދައްކުވައިދެއްވާފައި ވެއެވެ. އަދި އަލްއުސްތާޛު ޙަސަން ލަޠީފުގެ ޗެއާޕާރސަންކަމުގެ ދަށުން، މި ޕާރޓީގެ އެންމެ މުހިއްމު އެއް މަޤުޞަދުކަމުގައިވާ އެކިއެކި ޤައުމީ އިންތިޚާބުތަކަށް މި ޕާރޓީގެ ފަރާތުން ވާދަކޮށް ހުރިހާ އިންތިޚާބެއް މި ޕާރޓީއަށް ކާމިޔާބުކޮށްދެއްވާފައިވާކަން ފާހަގަކުރަމެވެ.

އަލްއުސްތާޛު ޙަސަން ލަޠީފުގެ އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުދަންނަވާހިނދު، އެމަނިކުފާނަށް އިތުރު ކާމިޔާބަށް މި ޕާރޓީން އެދެމެވެ.