ސްކޫލުތަކުގައި މޫނު ބުރުގާ އަޅައިގެން ކިޔަވާދިނުމަށް ބައެއް ފަރާތްތަކުން ބާރުއަޅާ އެޅުމާމެދު އެމް.ޑީ.ޕީ. އިން ނެރޭ ނޫސްބަޔާން

ދިވެހި މުޖުތަމަޢުގައި މައިންބަފައިންނާއި ބެލެނިވެރިންނާއި އަދި ދަރިވަރުންގެ ގިނަ ބަޔަކީ، އެ ދަރިވަރުންނަށް ސްކޫލު މަދަރުސާތަކުގައި އުނގަންނައިދެއްވުމަށް މުދައްރިސުން ކުރިމަތިލައްވާއިރު އެ މުދައްރިސުން މޫނު ބުރުގާއިން މޫނު ނުފޮރުއްވައި ނުވަތަ އެއީ ކޮންބޭފުޅުންނެއްކަން ދަރިވަރުންނަށް ރަނގަޅަށް ސާފުވާގޮތަށް ތިއްބެވުމަށް ބޭނުންވާ ބައެކެވެ.

އަދި ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މިގޮތަށް އާދަކާދަ އޮވެ، މުދައްރިސުންނާއި ސްކޫލު މަދަރުސާތަކުން މި މިންގަނޑު ވަރަށް ރަނގަޅަށް ނަގަހައްޓަވަމުން ގެންގޮސްފައިވެއެވެ. ސްކޫލު މަދަރުސާތަކަކީ ދަރިވަރުންގެ މަސްލަޙަތު ނަގަހައްޓަންޖެހޭ އަދި ދަރިވަރުންނަށް ރައްކާތެރިކަން ވެސް އޮންނަންޖެހޭ ވަކި ޚާއްޞަ ތަންތަންކަމަށް ވާއިރު، ކިޔަވާދެއްވުމަށް ދަރިވަރުންނާ ބައްދަލުކުރައްވާއިރު މުދައްރިސުންގެ އައިޑެންޓިޓީ ޔަޤީންވާންޖެހޭނެކަމަށް މި ޕާރޓީން ދެކެމެވެ.

މިކަމުގައި މި މޭރުމުން ވާހަކައެއް ދައްކާ މީހަކީ ވެސް ދީނުން ބޭރުވެފައިވާ އަދި ލޭ ހުއްދަވެގެންވާ މީހެއްކަމަށް ސިފަކުރާކުރުމާ މެދު މި ޕާރޓީން އިންތިހާއަށް ކަންބޮޑުވަމެވެ. އަދި މީގެކުރިން ވެސް އެފަދައިން ސިފަކޮށް މީހުންގެ ހަށިފުރާނަ ނައްތާލައި ގެއްލުންދީފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އެފަދަ ކުށްތަކުގެ މައްސަލަތައް ބެއްލެވުމުގައި އިތުރަށް ސަމާލުވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ.