ރައީސް ނަޝީދަކީ އިސްލާމް ދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް އެމަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ހިންގާ ހަރަކާތާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ޣައިރު ދީންތައް ޕްރޮމޯޓުކުރާ ކަމަށް ދޮގު ޚަބަރު ފެތުރުމުގެ ވާސިތާއިން، އެ މަނިކުފާނުގެ ހަށިފުރާނައިގެ ރައްކާތެރިކަން ނަގައިލުމަށް ވާގިވެރިވަމުންދާ “ރައްޔިތުންގެ އިއްތިޙާދު”ގެ ނަމުގައި ހިންގާ ޙަރަކާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީއިން ސަރުކާރަށް ގޮވައިލަމެވެ.

އަދި ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށްގެން އެ މަނިކުފާނުގެ އިސްތަށިފުޅުގައި ލާދީނީ ލޭބަލް އެޅުވުމަށް މިޙަރަކާތުން މަސައްކަތްކުރަމުންދާކަމީ ޚާއްސަ ކަންބޮޑުވެއް ކަމުގައި ފާހަގަކުރަމެވެ.

ރައީސް ނަޝީދަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުން 6 މޭ 2021 ގައި ދިން ބޮމުގެ ޓެރަރިސްޓް ޙަމަލާއިން މާތް الله ގެ ތަނަވަސް ރަޙްމަތްފުޅުން ފުރާނަފުޅައިގެން އެ މަނިކުފާނު ކިރިޔާ ސަލާމަތްވީތާ އަދި އަހަރު ނުވާކަން ފާހަގަކުރަމެވެ.

އަމުދުން އެ ޙަމަލާގެ އަޑީގައިވި ފަރާތްތައް އަދިވެސް ހޯދިފައިނުވާއިރު، އަދި ޓެރަރިސްޓް ޙަމަލާތަކަށް ދިވެހި މުޖުތަމަޢު ހުށަހެޅުމަށް ތައްޔާރަށް ތިބި ހައްދުފަހަނައެޅި ދީނީ ހަރުކަށި ވިސްނުމުގެ މީހުން ތިބިކަން ސަލާމަތީ ޚިދުމަތްތަކުން ހާމަކުރަމުންދާ ހިނދު، ރައީސް ނަޝީދަކީ ކާފަރެއްކަމުގައި ސިފަކުރުމުގެ ފިތުނަވެރި ޙަރަކާތެއް އަނެއްކާ އުފައްދާ، އިންތިޒާމުވެ، ހިންގާން ދޫކުރުމަކީ އެ މަނިކުފާނުގެ ފުރާނަފުޅުގެ އިތުރުން، ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ލޮޅުން އަރުވާފަދަ ނުރައްކާތެރި ކަމެއްކަމުގައި މެނުވީ މި ޕާޓީއިން ނުދެކޭކަމުގައިވެސް ދެންނެވީމެވެ.