ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވުމުގެ ފުންހިތާމާގައި އެމް.ޑީ.ޕީ. އިން ބައިވެރިވުން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާހިރު އަވަހާރަވުމުގެ ފުންހިތާމާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން ބައިވެރިވަމެވެ.

އޮނަރަބަލް ޢުމަރު ޒާހިރަކީ ދިވެހި ދައުލަތަށް ވަރަށް ގިނަ ޒަމާންތަކަކަށް، އެކި ޙައިޞިއްޔަތުން އަގުނުކުރެވޭ ވަރުގެ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެކެވެ. އެމަނިކުފާނަކީ ދައުލަތުގެ މަޤާމުތައް ފުރުއްވުމުގައި ވަރަށް އިޚްލާޞްތެރި، އަދި މަސައްކަތްޕުޅުގެ ނަތީޖާ ނެރެދެއްވި އަދި ވަރަށް ތަފާތު ވައްޓަފާޅިއެއް ގެންގުޅުއްވުމުގެ ސަބަބުން ނަމޫނާއެއްގެ ގޮތުގައި ރައްޔިތުން ފާހަގަކުރާ ވަރަށް މަޝްހޫރު ޝަޙުސިއްޔަތެކެވެ.

އެމަނިކުފާނު ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި އެމަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބު މީގެކުރިން އަރުވާފައިވެއެވެ.

މަރުޙޫމް ޢުމަރު ޒާހިރުގެ ފުރާނަފުޅަށް މާތްﷲ ރަޙްމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތްލެއްވުމަށް ދުޢާކުރާހިނދު، އެމަނިކުފާނުގެ އާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވަމެވެ. އާމީން