ޕާކިންގް ސްލޮޓްގެ ގުރުނެގުމުގައި ޢަމަލުކޮށްފައިވާގޮތާއިމެދު ކަންބޮޑުވުން ފައުޅުކޮށް އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރުން ނެރޭ ނޫސްބަޔާން

މާލެ ސިޓީ ކައުންސިލުން 08 ޖުލައި 2021 ގައި ކުރި އިޢުލާން ނަންބަރު IUL)425-B6/1/2021/109) އަށް އިޖާބަދީ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ސްލޮޓް ލިބޭ ފަރާތްތައް ހޮވުމަށް 05 ޑިސެންބަރު 2021 ވީ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި މާލެ ސިޓީ ކައުންސިލްގެ މައި އިދާރާ (އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގް، 3 ވަނަ ފަންގިފިލާ)ގައި ލީ ގުރާއި ގުޅޭގޮތުން ދަންނަވަމެވެ.


ގުރާއިމެދު އިތުބާރު ޤާއިމުކުރުމަށް ޕާކިންގްއަށް އެކަށައެޅި 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމަށާއި، ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ޙާޒިރުނުވެވޭގޮތަށް އެކަން ކުރުމީ އައިބުކަމެއްކަމުގައި މެނުވީ އަޅުގަނޑުމެން ނުދެކެމެވެ. ފުޓުބޯޅަ މުބާރާތެއްގެ ނަމަވެސް ނުވަތަ ފްލެޓު އެކަށައެޅުން ނަމަވެސް ގުރަކީ އޭގައި ބައިވެރިވާ މީހުންގެ ޙާޒިރުގައި ކުރާކަމެކެވެ. މި ނޫންގޮތަކަށް މިކަން ހިންގާފައިވަނީ ދެފުށްފެނުމާއި، ނަޒާޙަތްތެރިކަމުގެ ސިފަތަކާއި ޚިލާފަށެވެ.
ގުރު ނެގީ ކޮން ހަމައަކުން، ކޮން ގޮތަކުން އިންތިޒާމުކޮށްގެން، ކޮން އިޖުރާޢަތުތަކެއްގެ މައްޗަށް ތަރުތީބުވެގެންކަމެއް ސާފެއްނުވެއެވެ. ގުރު ނެގުމުގެ އިންތިޒާމު ކުރީ އެ މަސައްކަތަށް މޭޔަރ އެކަށައެޅުއްވި ކޮމިޓީއަށް އެނގުމަކާއި ނުލައި، އަދި ކޮމިޓީގެ ބައިވެރިވުމެއް، ލަފައެއް ނެތި ޑެޕިއުޓީ މޭޔަރު ގިނިކަންޏާއެވެ. މިބާވަތުގެ ޢާންމުންގެ މަސްލަޙަތު އެކުލެވޭ ގުރެއް ނެގުންފަދަ ކަމެއް ހިންގަންވާނީ ކަމާބެހޭ ކޮމިޓީއިން އެކަށައަޅާ އިޖުރާޢަތުތަކަކާއި، ހަމަތަކެއްގެ މައްޗަށް ތަރުތީބުވެގެން ކަމުގައި އަޅުގަނޑުމެން ދެކެމެވެ.
މީގެ އިތުރަށް، ގުރަށް ޕާކިންގް ސްލޮޓަށް އެދި ހުށަހެޅި ފަރާތްތައް ޚިޔާރުކުރުމަށް ގުރު ނެގުމުގައި ބޭނުންކުރީ ރަސީދު ސްލިޕް ނަންބަރެވެ. އެއީ ޕާކިންގް ސްލޮޓަށް އެދި ފޯމު ހުށަހެޅުމުން ދިން ރަސީދު ސްލިޕްގައި އޮތް <ފޯމު ނަންބަރު> އެވެ. ނަމެއް، އެޑްރެހެއް، އަދި އެހެންވެސް އައިޑެންޓިފަޔަރެއް ނުލައި، ރަސީދު ސްލިޕް ނަންބަރު ގުރު ނެގުމަށް ބޭނުންކުރީ ދެފުށްފެނުން ކުޑަގޮތެއްގައި ކަމުގައި އަޅުގަނޑުމެން ދެކެމުއެވެ. އަދި ޕާކިންގް ސްލޮޓް ލިބުނުކަމަށް ޢާންމުކުރި ލިސްޓުގައި އެއް ނަން ތަކުރާރުވެފައި ހުރިއްޔަތީ ފެންނަކަންވެސް ފާހަގަކުރަންމެއެވެ.
މިއާއެކު، ގުރު ނެގުމުގައި ރަސީދު ސްލިޕްގެ ނަންބަރު ބޭނުންކޮށްފައި ވާއިރު ސްލޮޓަށް އެދި ހުށަހެޅި ލިޔެކިޔުމާއި މާލެ ސީޓީ ކައުންސިލުން ޙަވާލުވެފައި ރަސީދު ސްލިޕް ނުދޭ މީހުންނާއި، އަދި ރަސީދު ސްލިޕްގައި ނަންބަރު ނުޖަހާވެސް ސްލިޕް ދޫކޮށްފައި ހުރިކަންވެސް އަޅުގަނޑުމެން ފާހަގަކުރަންމެއެވެ.

ކަންމިހެން ހުރުމާއެކު، މާލެ ސިޓީ ކައުންސިލުން މާލޭގެ މަގުމަތިން ދޫކޮށްފައިވާ ޕާކިންގް ސްލޮޓަށް އެދި ކުރިމަތިލި ހާހެއްހާ ފަރާތަށް އެންގުމަކާއި ނުލައި، އެއިން ހަމަ އެކެއްގެމެ ބައިވެރިވުމާއި، ޙާޒިރުވުން ނެތި، އަދި ކަނޑައެޅިފައިވާ ހަރުދަނާ އިޖުރާޢަތެއް، އިންތިޒާމެއް ނެތި އެ ނެގި ގުރުގެ ސައްޙަކަމާއި، ނަޒާހަތްތެރިކަން ކަށަވަރުނުވާތީ، އެކަމުގެ ކަންބޮވުން ޢާންމުކޮށް ޙިއްސާކުރީމެވެ