މައުމޫނުގެ ސަރުކާރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސަށް އަނިޔާކުރި މައްސަލަ މިއަދު ފުލުސް އޮފީހަށް ހުށަހަޅައިފި

20 އޮކްޓޯބަރ 2010

dsc_28051

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި މައްސަލަ ތަޙްޤީޤްކޮށްދެއްވުން އެދި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙަށް މިއަދު މޫސަ ސިޓީފުޅެއް ފޮނުއްވައިފިއެވެ.
މޫސަ މިއަދު ފޮނުއްވި ސިޓީފުޅުގައި މޫސަ ހ.ރީކޯ އިބްރާހީމް މަނިކަށް ވެރިކަން ހޯއްދަވައިދެއްވަން އުޅުއްވި ކަމަށް ބުނެ 1982 ވަނަ އަހަރުގެ ޖޫން މަހު އޭރުގެ ސިފައިންގެއަށް ހާޒިރުކޮށް، އޭރުގެ ސިފައިންގެ ވެރިޔާގެ ނައިބު މ. އެންދެރިމާގޭ އިލްޔާސް އިބްރާހީމް އިސްވެ ހުންނަވައިގެން ސިފައިންގެ އިސްވެރިނަތަކެއްގެ ބެލުމުގެ ދަށުން މޫސަ ހައްޔަރުކޮށް، ޖިސްމާނީ އަދި ނަފްސާނީ ބޮޑެތި އަނިޔާތަކެއްކޮށްފައިވާކަމަށް ބަޔާންކުރައްވާފައި ވެއެވެ.
އަދި މި މައްސަލައިގައި މޫސަ ސިފައިންގެއަށް ހާޒިރުކޮށްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ އަމުރަކަށް ކަމަށް ސިފައިން ބުނެފައިވާ ކަމަށާއި، އެދުވަހު ސިފައިންގެ އެތައް އޮފިސަރުންނެއްގެ ހާޒިރުގައި މޫސަ ބިޑިއަޅުވައި ބަނޑޭރިގޭ ގޯތިތެރޭގައި 6 ގަޑިއިރު ވަންދެން އޭކޭ 47 ގެ ބަޑިއެއް މޫސަގެ ބުރަކަށީގައި ޖައްސާފައި ކޮޅަށް ބަހައްޓާފައިވާކަމުގައި ބަޔާންކުރައްވާފައިވެއެވެ.
އަދި އެރެއަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށާއި، ފަތިސް ނަމާދު ވަގުތު ޖެހުމުން ނަމާދުކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވުމުން ވެސް އެފުރުސަތު ނުދީފައިވާ އިރު، ބިޑިއަޅުވާފައިވާލެއް ބާރުކަމުން، ބިޑިއެޅުވިތަނުން ބިމަށް ލޭފައިބަމުން ދިއުމުން އެކަމަށް ފަރުވާއެއް ހޯދުމަށް، އެކަމަށް ފަރުވާއެއްދިނުމަށް އެދިވަޑައިގަތުމުން ވެސް އަމިއްލަ ޒާތުގައި ލޭމަނާ ވަންދެން އެއްވެސް ފަރުވާއެއް ނުދީ ޖެހިގެން އައި ދުވަހުގެ ހެނދުނު 10 ޖަހަންދެން ބުރަކަށީގައި ބިޑި ޖައްސާފައި ބެހެއްޓި ކަމުގައި މޫސަގެ ސިޓީފުޅުގައި ވެއެވެ.
އަދި ސިފައިން އެތައް ޖެއްސުމެއްކޮށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް، މައުމޫނާ ދިމާކުރަން ނިކުންނައިރު އެހާ ހިއްވަރު ދެރަވެގެން ނުވާނޭ ކަމަށް ބުނަމުންދިޔަ ކަމަށް މޫސަ މި ސިޓީގައި ވިދާޅުވެފައިވެއެވެ. އަދި މޫސަ ހައްޔަރުކުރިތާ 1 މަސް ދުވަސް ފަހުން ދޫނިދޫ ކުޑަގޮޅިއަށް ބަދަލުކޮށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް މި ސިޓީފުޅުގައި ވެއެވެ. އެގޮތުން 6 މަސް ދުވަސް ވަންދެން އާއިލާގެ އެއްވެސް މީހަކާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ބަންދުގައި ބަހައްޓައިގެން އަނދަގޮޑި ޖެހުމާއި، ދޫނިދޫ އިންޖީނުގެ ކައިރިއަށް ނެރެ، އިންޖީނުގެ ގަދަ އަޑުފައްގަނޑުގެ ތެރޭގައި ނިންދަވަން ބޭއްވުމާއި، ޓިނު ގޮޅީގައި އޮންނައިރު ނިދިޔަ ނުދީ ޓިނުގަނޑުގައި ތަޅާ އަޑުގަދަކުރުމާއި، ބަކަރިކޮށިން ނަޖިސްވެލި ގެނެސް މޫސަ އޮންނެވި ގޮޅިތެރެއަށް އެޅުމާއި، ބަލިވުމުން މާލެ ގެނެސް ހޮސްޕިޓަލަސް ގެންދިއުމުގެ ބަދަލުގައި ޑިފެންސްގެ ފެންޑާގައި އައިވީ ގުޅާފައި ބޭއްވުންފަދަ ލާއިންސާނީ އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް އެސިޓީގައި ބަޔާންކުރައްވާފައިވެއެވެ.
މީގެ އިތުރުން މޫސަ ހައްޔަރުކުރިއިރު، މޫސަގެ ހަވާލުގައި ހުރި އެގޭ ތިޖޫރީގައި ހުރި 4 ލައްކަ ހަތްދިހަ 6 ހާސް ރުފިޔާ އާއި، 4 ކާޓިއާ ރަން ގަލަމުގެ އިތުރުން މޫސަގެ ހަވާލުގައިވާ 50 ޕާސްޕޯޓް ސިފައިން ފޭރިގަތުމަށްފަހު، އެތަކެތި އަނބުރާ ހަވާލުކޮށްފައިނުވާ ކަމަށް މޫސަގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މޫސަގެ ސިޓީގައި، އިލްޔާސް އިބްރާހީމް އާއި، އިސްތަފާ އިބްރާހީމް މަނިކާއި، އަންބަރީ ޢަބްދުއްސައްތާރު އިސްކޮށް ތިއްބަވައިގެން، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން މައުމޫނުގެ ސަރުކާރުން މޫސައަށް ކޮށްފައިވާ ލާއިންސާނީ ބޮޑެތި އަނިޔާތަކުގެ މައްސަލައާއި ތިޖޫރީ އިން ފައިސާއާއި މުދާ ފޭރިގަތް މައްސަލަ އަވަސްފުރުސަތެއްގެ ތެރޭގައި ތަޙްޤީޤްކޮށް ބައްލަވައިދެއްވައި އެމައްސަލަ ޝަރީޢަތަށް ފޮނުއްވައިދެއްވުން އެދިވަޑައިގެންފައިވެއެވެ.

މޫސާ މަނިކަށް މައުމޫނުގެ ސަރުކާރުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާކުރި ކަމަށް ވިދާޅުވެ މައްސަލަ ތަޙްޤީޤްކޮށްދެއްވުން އެދި ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަސީޙަށް މިއަދު މޫސަ ފޮނުއްވި ސިޓީ ވިދާޅުވުމަށް މި ލިންކަށް ފިއްތަވާ ލައްވާ