އެމްޑީޕީ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން، އެމްޑީޕީގެ މާލޭ ސިޓީ އިން މަރުޙަބާ ދެންނެވުން

މިއަދަކީ އެމްޑީޕީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނަކަށް ދިވެހި ރައްޔިތުންގެ ބޮޑު ތާއީދާއެކު އިންތިޚާބުކުރެވުނު ސަރުކާރު، ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވިތާ 3 އަހަރު ފުރޭ އަހަރީ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙަށާއި، ނައިބު ރައީސް އަދި ސަރުކާރުގެ އެންމެ ވެރިންނާއި ދިވެހި ރައްޔިތުންނަށް، އެމްޑީޕީގެ މާލޭ ސިޓީގެ ފަރާތުން މަރުޙަބާއާއި ތަހުނިޔާ ދަންނަވަމެވެ.

އެމްޑީޕީ ކޯލިޝަން ސަރުކާރަށް 3 އަހަރު ފުރޭ މި އަހަރީ ދުވަހު، މި ޕާޓީގެ އެންމެ މެމްބަރުންނާއި، ދިވެހި ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައުމަށް ދުވާލާއި ރޭގަނޑު، އަވީގައާއި ވާރޭގައި ކުރި ބުރަ މަސައްކަތުގެ ހަނދާންތައް އަޅުގަނޑުމެން އާ ކުރަމެވެ. އަދި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އާއި އެންމެ ވެރިންގެ މިންނެތް މަސައްކަތުގެ އަގު ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަށް ޝުކުރާއި ތަހުނިޔާ އަރިސްކުރަމެވެ.

މި ސަރުކާރުގެ ވޭތެވެ ދިޔަ 3 އަހަރަކީ، މީގެ ކުރިން ދުނިޔެއަށް ވެސް ދިމާ ނުވާވަރުގެ ބޮޑު ޢާލަމީ ވަބާއެއް ތަޙައްމަލުކުރަން ޖެހުނު ދުވަސްތަކެކެވެ. އަދި ކޮވިޑް19 ގެ ބަލިމަޑުކަމުގައި، ދިވެހިރާއްޖެއާއި، ދިވެހި ރައްޔިތުން ވެސް އެތައް ކިތަންމެ ދަތިތަކަކާއި އުނދަގޫތަކެއް ބަރުދާސްތުކުރަން ޖެހުނު ދުވަސްތަކެކެވެ. އެހެންނަމަވެސް، އެ ކަމުގައި އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައި، ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައިވާކަން އަޅުގަނޑުމެން ފާހަގަކުރަނީ ނުހަނު އުފަލާއެކުގައެވެ. އެ ގޮތުން، މުއްސަނދިންގެ އަތުން ނެނގޭ އާމްދަނީގެ ޓެކްސް، މިނިމަމް ވޭޖް، ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ދެވެން ފެށި އިންކަމް ސަޕޯޓް އެލަވަންސާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް ސަރުކާރުން އުފެއްދެވި އެސްއެމްއީ ބޭންކްގެ އެހީތެރިކަން އަޅުގަނޑުމެން ފާހަގަކޮށް ސަރުކާރަށް ޝުކުރު އަދާކުރަމެވެ.

ހަމަ އެއާއެކުގައި، ދިވެހި ރައްޔިތުން އަދި ވަކިން ޚާއްޞަކޮށް އަންހެނުންނަށް ސިޔާސީ ބާރުވެރިކަން ހޯދައިދިނުމުގެ ގޮތުން، އެމްޑީޕީގެ މެޖޯރިޓީ އޮތް އެޖެންޑާ 19 މަޖިލީހުން ލާމަރުކަޒީ ޤާނޫނަށް ގެނެސްދެއްވި އިޞްލާޙުތަކާއި، މަދަރުސާ ދަރިވަރުންގެ ނާސްތާ ޕްރޮގްރާމާއި ވިހެއުމާ ގުޅިގެން ދޭން ފެށުނު 6 މަސް ދުވަހުގެ މެޓަރނިޓީ ލީވް ފަދަ މުހިންމު މަސައްކަތްތައް ވެސް އަޅުގަނޑުމެން ފާހަގަކުރަމެވެ.

އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭން ވަޢުދުވެފައިވާ ޕާޓީއެއް ކަމާއި، އެކަން ފުރިހަމަ މާނާއިގައި ކުރުމަށް އަދިވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން އެބަހުއްޓެވެ. ވަކިން ޚާއްޞަކޮށް، އިންސާފުގެ މަގުން ދިވެހި ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުން ހޯދަން ބޭނުންވާ މަންޒިލަށް ދިޔުމުގައި ކުރިމަތިވެފައިވާ ހުރަސްތައް ގިރާކޮށް ކުރިއަށް ދިޔުމާއި، ވަކިން ޚާއްޞަކޮށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމާއި އަދި އެހެނިހެން އިޖްތިމާޢީ އެންމެހާ މައްސަލަތަކުން ސަލާމަތްވުމުގައި އަވަސް ޙައްލުތަކެއް ހޯދައިދިނުމަށާއި، ސަރުކާރުގެ އިތުރު ވަޢުދުތައް ފުއްދުމަށް ވެސް ގިނަ މަސައްކަތްތަކެއް އަދި ވެސް ކުރަން ޖެހޭ ކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި އެ ކަން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިޔުމުގައި އެމްޑީޕީގެ އަސާސީ ޤަވައިދާއި، އެމްޑީޕީގެ އުސޫލުތަކާއި މަޤްޞަދުތަކާ އެއްގޮތަށް، އަދި ދާއިރާގެ މެމްބަރުންގެ ވިންދާއި އުންމީދުތަކާ އެކު އެމްޑީޕީގެ މާލޭ ދާއިރާއިން ސަރުކާރަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ތައްޔާރަށް އޮތް ވާހަކަ ވެސް ދެންނެވީމެވެ. އަދި މި ދައުރުގެ ބާކީ އޮތް 2 އަހަރު ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާވެރިކަން ގެނެސްދެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް އުންމީދުކޮށް ޔަޤީންކުރަމެވެ.