އެމް.ޑީ.ޕީ.ގެ ސަރުކާރަށް 3 އަހަރު ފުރޭ ދުވަސް ފާހަގަކޮށް މަރުޙަބާ ދެންނެވުން

2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ލޮބުވެތި ރައްޔިތުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުކުރައްވައި، އެމް.ޑީ.ޕީ.ގެ ވެރިކަމެއް ޤާއިމުކުރެއްވިތާ މިއަދަށް 3 އަހަރު ފުރޭހިނދު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބު ކާމިޔާބުކުރައްވާފައިވަނީ އޭރުގައި އޮތް ޚުދުމުޚުތާރު ވެރިކަން ބަލިކުރައްވައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުންކަން ފާހަގަކުރަމެވެ. އެފަދަ ކާމިޔާބެއް މި ޕާރޓީއަށާއި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓަށް ރައްޔިތުން ދެއްވި މައިގަނޑު ސަބަބަކީ މި ޕާރޓީންނާއި އެއިރުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގަތް ވަޢުދުތަކާއި ގެންގުޅުއްވާ ތަޞައްވަރުގެ ސަބަބުންކަމަށް ދެކެމެވެ. އަދި އަނިޔާވެރިކަމާއި ޚުދުމުހުތާރު ވެރިކަމުގެ ގޮތްތަކަކުން ރައްޔިތުން މިންޖުވުމަށް ނިންމެވި ނިންމެވުމެއްގެ ސަބަބުންކަމަށް ދެކެމެވެ.

ރިޔާސީ އިންތިޚާބަށްފަހު 2019 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ރައްޔިތުން މި ޕާރޓީއަށް ނުހަނު ބޮޑަށް އިތުބާރުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ދެއްވާފައިވެއެވެ.

މި ސަރުކާރުގެ 3 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ގިނަ ބޮޑެތި ބަދަލުތަކެއް ރައްޔިތުންނަށާއި ރާއްޖެއަށް ގެނެސްދެއްވާފައިވާކަން އުފަލާއެކު ފާހަގަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް މަރުޙަބާ ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި، ސަރުކާރުން ރައްޔިތުންނަށް ބިރުދެއްކުމާއި އަނިޔާވެރިކަން އިސްކުރުން ވަނީ ނިމުމަކަށް ގެންނަވާފައެވެ. ޑިމޮކްރެސީއާއި ޤާނޫނުގެ ވެރިކަމަށް އަހުމިއްޔަތުކަންދެވި، ހެޔޮ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރެވިފައިވެއެވެ. ޖުޑިޝަރީ އިސްލާޙުކުރެއްވުމުގެ މަސައްކަތުގެ ތެރެއިން އައު ސްޕްރީމް ކޯޓެއް އައްޔަނުކުރައްވައި، ހެޔޮ ބަދަލުތަކެއް ގެންނަވަމުންދާކަން ފާހަގަކުރަމެވެ. މިނިވަން މުވައްސަސާތަކަށް ނުފޫޒުފޯރުވުމުގެ ސަޤާފަތް ބަދަލުކުރައްވައި، އެތަންތަން މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރުމަށް ސަރުކާރު ހުރަހަކަށް ނުވެއެވެ. ސިޔާސީ ޙަރަކާތްތަކަށާއި މީޑިއާގެ މިނިވަންކަމަށް ޖާގަދެވި، އެކަންކަން ކަށަވަރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. ހަމައެފަދައިން ރައްޔިތުން ބާރުވެރިކުރުވުމަށާއި ލާމަރުކަޒުކުރުމަށް ބޮޑެތި އިސްލާޙީ ބަދަލުތަކެއް މި 3 އަހަރުގެ ތެރޭގައި ގެންނަވާފައިވެއެވެ.

އެމް.ޑީ.ޕީ.ގެ މި ސަރުކާރުގައި އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ. އަދި މި 3 އަހަރުގެ ތެރޭގައި ރާއްޖެއާއި ބައިނަލްއަޤުވާމީ ދުނިޔެއާ ގުޅުން ވަރަށް ބޮޑަށް ބަދަހިވަމުންގޮސްފައިވާކަން ވެސް ފާހަގަކުރަމެވެ.

ކޮވިޑް-19 ގެ ބޮޑެތި ގޮންޖެހުންތަކާ އެކުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ މަސައްކަތްތަކާއި މަޝްރޫއުތައް ސަރުކާރުން ބާރަށް ކުރިއަށް ގެންދަވާކަން ހިތްހަމަޖެހުމާއެކު ފާހަގަކޮށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށާއި ސަރުކާރަށް މި ޕާރޓީން މަރުޙަބާ ދަންނަވަމެވެ. އަދި ސަރުކާރުގެ ބާކީ އޮތް އަހަރުތަކުގައި ރައްޔިތުންގެ އުއްމީދުތަކާ އެއްމިންވަރަށް ކަންކަން ޙާޞިލުކުރައްވަމުން ގެންދަވާނޭކަމުގައި ޔަޤީންކުރަމެވެ. ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި ވަނީ މި ޕާރޓީއާއި މިޕާރޓީގެ ވެރިކަމަކާއެވެ!