ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވަރަށް މުޙިއްމު ވަޢުދެއްކަމުގައިވާ، ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ސަރުކާރުން ކަނޑައަޅުއްވައި އިޢުލާނުކުރައްވާފައިވާތީ، މި ތާރީޚީ ދުވަސް ފާހަގަކޮށް މި ޕާރޓީން ވަރަށް ހޫނު މަރުޙަބާއެއް ކިޔަމެވެ.
އެމް.ޑީ.ޕީ އިން ރާއްޖޭގެ ރައްޔިތުންނަށާއި އަދި ވަޒީފާއަދާކުރާ ފަރާތްތަކަށް ބޮޑެތި ހެޔޮ ބަދަލު ގެނައުމަށް ގެންގުޅޭ ތަޞައްވަރާއި ސިޔާސަތުގެ ދަށުން، ވަޒީފާއަދާކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގައި ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރައްވައި، އެގޮތުން ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅުއްވައި މިއަދުވަނީ އިޢުލާނުކުރައްވާފައެވެ. އެ ވަޢުދު ފުރިހަމަ ކުރުމުގެ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ ބަދަލު އެޖެންޑާ-19 ގެ މަސައްކަތްތަކުގެ ދަށުން މީގެކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާއެކު، މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މަސައްކަތްކުރައްވައި އެރުއްވި ލަފާއާއެކު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މިއަދު ވަނީ އެންމެ ކުޑަ އުޖޫރަ އިޢުލާނުކުރައްވާފައެވެ. މިއީ އެންމެ ކުޑަ އުޖޫރައެއް ރާއްޖޭގައި ކަނޑައެޅުނު ފުރަތަމަ ފަހަރެވެ.
ވަޒީފާއަދާކުރާ ފަރާތްތަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި ތަންފީޒުކުރަންފެށުމުގެ ސަބަބުން އަޚްލާޤީ، އިޖްތިމާޢީ އަދި އިޤުތިސޯދީ ގޮތުން ވަށާޖެހޭ އުސޫލަކުން ހެޔޮ ބަދަލުތަކެއް ވަޒީފާއަދާކުރާ ފަރާތްތަކަށާއި ވަޒީފާދޭ ފަރާތްތަކަށާއި އިޤުތިސޯދަށާއި އަދި ރާއްޖެއަށް އަންނާނޭކަމަށް މި ޕާރޓީން ދެކެމެވެ. އަދި އެންމެހައި ފަރާތްތަކުން އިޚްލާޞްތެރިކަމާއެކު މި ސިޔާސަތު ތަންފީޒުކުރައްވަމުން ގެންދަވާނޭކަމަށް މި ޕާރޓީން އުއްމީދުކުރަމެވެ.