ސްކޮޓްލޭންޑްގެ ގްލަސްގޯގައި މިހާރު ހިނގަމުންދާCOP26 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މުހިއްމުގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
COP26 ގެތެރެއިން ސީވީއެފް ކްލައިމެޓް އިމަޖެންސީ ޕެކްޓް ހާސިލްކުރުމަށް ބޭއްވޭ މަތީ ފެންވަރުގެ ބައްދަލުވުމުގައި ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި COP26 ގެތެރެއިން ގްލަސްގޯގައި އައި.ޕީ.ޔޫ ގެ ސްޕީކާސް ކޮންފަރެންސާއި ސްކޮޓްލޭންޑް ޕާލަމެންޓްގައި ގްލޯބް COP26 ލެޖިސްލޭޓާސް ސަމިޓުގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އާ ބައްދަލު ކުރެއްވުންވެސް އޮންނާނެއެވެ.
ހަފްތާގެ ހަރަކާތްތަކަށްފަހު ބޭއްވޭ ސީވީއެފްގެ ޕްރެސް ކޮންފަރެންސްގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ޑާކާ-ގްލާސްގޯ ޑެކްލަރޭޝަންއާ ބެހޭ ޕްރެސް ކޮންފަރެންސްގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ދުނިޔޭގެ ވިޔަފާރިވެރި ލީޑަރުންނާއެކު ދަ ބީ-ޓީމް ބާއްވާ އިވެންޓްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
ހަމައެފަދައިން، ކަނޑާއި މުރަކައިގެ ފަރުތައް ހިމާޔަތްކުރުމާ ގުޅޭ ޑޯއެޝޭ ބޭންކްގެ އިވެންޓާއި ފޯރަމް ވަލްނަރަބިލިޓީ ޓް ޕްރޮސްޕަރިޓީ، ކްލައިމެޓް ޕްރޮސްޕަރިޓީ ޕްލޭންގައި އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި އެމަނިކުފާނުގެ ޝަރަފްގައި ބޭއްވޭ މޫސުމީ އެކްޝަންތަކާއި އައު ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭ ” ބްލެއަރ ހައުސް ” އިވެންޓްގެ ޚާއްޞަ ޕެނެލްގައި ބައިވެރިވެވަޑާއިގަންނަވާނެ އެވެ.
COPގެ ސެންޓަރ-ރައިޓްގެ ނަމުގައި އޮންނަ އިވެންޓާއި ނޭޗަރ އީވްނިންގ ރިސެޕްޝަނުގެ ނަމުގައި އޮންނަ އިވެންޓްގައި ވެސް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އަދި COP26 ފެށިގެންދާ ހިސާބު ޒުވާން އެކްޓިވިސްޓުންނާއި މަޝްހޫރު ކްލައިމެޓް އެކްޓިވިސްޓް ބިލް މެކްބިން އާއި މަޝްހޫރު ލަވަކިޔުން ތެރިޔާ ޕެޓީ ސްމިތް އާއެކު އޮންނަ ޙަރަކާތުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ހަމައެފަދައިން، ޕްރެސްކޮންފަރެންސްތަކާއި، މަޝްހޫރު ވަކިވަކި މީޑިއާ ތަކަށް ޚާއްޞަ ކޮށްގެން ދެއްވާ އިންޓަރވިއުތައް ދެއްވުން ވެސް ހިމެނެއެވެ.