20 އޮކްޓޯބަރ 2010
ސަރުކާރުން ހިންގަވާ ކަމެއް ލަސްކޮށްލެއްވުމަށް ނުވަތަ ހުއްޓަވާލެއްވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސަރުކާރުގެ އެއްވެސް އިދާރާއަކަށް އަންގަވައިފިނަމަ، އެކޮމިޝަނުން އެންގެވި ގޮތަކަށް ވަގުތުން ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައްލަވަމުން ގެންދަވާ އެކިމައްސަލަތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުން ދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އެކަމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުންގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ އިސްވެރިންނަށް މިކަން އަންގަވައިދެއްވުމަށާއި، މިކަންކަމުގައި އެކޮމިޝަނަށް ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ޖަލްސާގައި، އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އެއިމް)އާ ޙަވާލުކުރެވިފައިވާ ފަސް ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި އިންވެސްޓް ކުރުމަށް ބޭނުންވާ އިކުއިޓީ ހޯދުމަށް ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ރަށްތައް ކުއްޔަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ކަނޑައަޅުއްވާފައިވާ މިދެންނެވި ފަސް ރަށް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އެއަރޕޯޓް ތަރައްޤީ ކުރަން އެދޭ ފަރާތްތަކަށް ޖޮއިންޓް ވެންޗަރ އުޞޫލުން ތަރައްޤީ ކުރުމަށް ހުޅުއްވާލެއްވުމަށްވެސް ނިންމެވިއެވެ.
ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އަދި ޞިނާޢީ އެހެނިހެން މަސައްކަތްތައް ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށާއި، ބިމާއި ފަޅުފަދަ ތަންތަން ބަދަލުކުރުމުގައި ގެންގުޅޭނެ އުޞޫލެއް ކަނޑައެޅުއްވުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވިއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު ކުއްޔަށް ދޫކުރައްވާފައިވާ ރިޒޯޓްތަކާއި ހޮޓާތައް ތަރައްޤީކޮށް ނިންމުމަށްޓަކައި ސަރުކާރުން ކޮށްދެއްވެން އޮތް ކަމެއް މިވަގުތު ކޮށްދެއްވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ރިޒޯޓް ހޮޓާ ތަރައްޤީ ކުރުމަށް މިހާރު ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި، އެކަންކަން ހިންގުމަށް ދަތިވާނަމަ، ޤާނޫނާއި ގަވާއިދު ހުއްދަކުރާ ގޮތެއްގެ މަތިން ބަދަލުގައި ސަރުކާރުން އެކަށީގެންވާ ސަރަޙައްދެއް ދޫކުރެއްވުމަކީ، އެ މަޝްރޫޢެއް ކުރިއަށް ގެންދިޔުމަށް އިންވެސްޓްކުރާ ފަރާތަށް ލިބޭނެ ވަރަށްބޮޑު މަންފާއެއް ކަމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވައެވެ. އެހެންކަމުން، ރިޒޯޓުތަކާއި ހޮޓާތައް ތަރައްޤީ ކުރުމަށް މިހާރު ކުއްޔަށް ދީފައިވާ ފަރާތްތަކުން އެހެން ސަރަޙައްދެއް ބޭނުންވެގެން އެދޭ ކަމަށްވާނަމަ، އެކަމަށް އުޞޫލުތަކެއް ކަނޑައަޅުއްވައި، އެޓަރނީޖެނެރަލްގެ ލަފާފުޅާއެކު، އެ އުޞޫލު ގެޒެޓް ކުރައްވައި ޢާންމު ކުރެއްވުމަށް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.