އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ނުކުރެވިއްޖެނަމަ ސަރުކާރުން ދިވެހި ރައްޔިތުންނަށްދޭ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅޭނެ – ޑރ.ޑީޑީ

* ސްޕްރީމް ކޯޓޫގެ ނިންމުމަށް އެމްޑީޕީން ވަރަށް ބޮޑަށް މަރުހަބާކިޔާފައިވޭ

19 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

haruge-488-x-366

މިއަންނަ ފެބްރުއަރީ މަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިޥާ ލޯކަލް ކައުންސިލް އިންތިހާބު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބު ނުކުރެވިއްޖެނަމަ ސަރުކާރުން ދިވެހި ރައްޔިތުންނަށްދޭ ހިދުމަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅޭނޭ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި މީގެ ކުރިން ކޮންމެ ހޯމަދުވަހެއްގެރޭ ބާއްވަމުންދިޔަ ސިލްސިލާ ޖަލްސާތައް ރޯދަމަހަށް މެދުކަނޑާލުމަށްފަހު އަލުން ފެށުމުގެ ގޮތުން ރޭ ބޭޢްވި ޖަލްސާގައި ވާހަކުފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ މިސަބަބުތަކަށްޓަކައި އެމްޑީޕީން މިއިންތިޚާބު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ދަތިކޮށް، ސަރުކާރާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށްކުރާ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން ޑރ.ޑީޑީ ވިދާޅުވީ، މާލިއްޔަތު ގާނޫނަށް މަޖިލީހުން ގެނައި ބަދަލަކީ ސަރުކާރުގެ ދީލަތި އެހީގެ ދަށުން ރައްޔިތުންނަށް ދެމުންގެންދާ ސަބްސިޑީތަކާއި އެހެނިހެން އެހީތައް ހުއްޓުމަކަށް އަންނާނޭ ފަދަ އިސްލާޙެއް ކަމަށެވެ.
އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައިގެންނެވި ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އޭނާގެ މުއްސަނދިކަމުގެ ބޭނުންކުރައްވައިގެން މަޖިލިސް މެންބަރުންނަށް ނުފޫޒުފޯރުވަމުންދާ ކަމަށާއި، ޤާސިމް އިބްރާހީމް އަކީ ރާއްޖޭގައި ހުރި އެންމެ މުއްސަނދި މީހާގެ އިތުރުން އެންމެ ބޮޑު ދަރަނިވެރިޔާ ކަމަށެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ޤާނޫން އަސާސީ ނެގެހެއްޓުމަށްޓަކައި އެ ކޯޓޫން އެޅުއްވި ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، މިކަމުގެ ސަބަބުން އަދުލު އިންސާފުގެ ދާއިރާއާ މެދު އިތުބާރު އުފެދިއްޖެ ކަމަށެވެ.
މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު މުޙަންމަދު ނާޒިމް އާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙަންމަދު ނަޝީދު (ކާނަލް) ގެ އިތުރުން އެމްޑީޕީގެ މެމްބަރު ޒުލްފާވެސް ވާހަކަފުޅު ދެއްކެވިއެވެ.
ޓްރަވެލް އެންޑް ޓުއަރިޒަމް ދާއިރާ އިން މަތީ ތަޢުލީމް ޙާސިލްކުރެއްވުމަށްފަހު ލެކްޗަރާއަކަށް އޮސްޓްރޭލިއާގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވުމަށް ފަހު މާލެ ވަޑައިގެން އެމްޑީޕީގެ ފިކުރަށް ތާޢީދުކުރައްވައި އެޕާޓީއާއެކު މަސައްކަތްކުރައްވާ ޑރ. މަރިޔަމް ޒުލްފާވެސް ވާހަކަ ދެއްކެވިއެވެ. ޒުލްފާގެ ވާހަކައިގައި އޭނާ އަކީ އަބަދުވެސް އިސްލާޙަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހަށް އޭނާ ކުރިމަތިލެއްވި އިރު ޝިއާރެއްގެ ގޮތުން ބޭނުންކުރެއްވީ “އެންމެނަށް ގެދޮރު” މި ޝިޢާރުކަމަށާއި، މިއީ މިސަރުކާރުގެ ވެސް މައިގަނޑު ސިޔާސަތެއް ކަމަށާއި އެގޮތުން ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހައުސިންގ މަޝްރޫޢު ފަށައިގެން ކުރިޔަށް ގެންދާކަން ޑރ.ޒުލްފާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ މި ސިލްސިލާ ޖަލްސާތައް ކޮންމެ ހޯމަ ދުވަހެއްގެރޭ ވެސް އެޕާޓީގެ ހަރުގޭގައި ކުރިޔަށްދާނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ މެންބަރުންވެސް ސްޕްރީމް ކޯޓުން ރޭ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނެރުނު އަމުރަށް ވަރަށް ބޮޑަށް ތަޢުރީފްކުރައްވައި އެނިންމުމަށް މަރުހަބާ ވިދާޅުވިއެވެ..