އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލާފައިވާ މައްސަލާގައި އިންތިހާއަށް ކަންބޮޑުވުން ފާޅުކުރުން

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނު ދިރިއުޅުއްވާ ގެކޮޅުގެ ސީސީޓީވީ ކެމެރާތައް ހަލާކުކޮށްލައި، ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް އިއްޔެ މީހަކު ވަދެގަނެފައިވީހިނދު، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން އޮތް މިންވަރާ މެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ.

ދައުލަތުގެ ތިން ބާރުގެ ތެރެއިން ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ އެންމެ އިސް ފަރާތްކަމަށްވާ އުއްތަމަ ފަނޑިޔާރަށާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާއަށް ޙިމާޔަތާއި ރައްކާތެރިކަން ދައުލަތުން ކަށަވަރުކޮށްދީ، އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނޭ ގޮތަށް އުއްތަމަ ފަނޑިޔާރާއި އުއްތަމަ ފަނޑިޔާރުގެ ޢާއިލާ ދިރިއުޅުއްވާނޭ ރަސްމީ ގެކޮޅެއް ދައުލަތުން ހަމަޖެއްސުމަށް ޤާނޫނުން ލާޒިމުކޮށްފައިވީ ހިނދު، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނާއި އެމަނިކުފާނުގެ ޢާއިލާ މިވަގުތު ވެސް ދިރިއުޅުއްވާ ޢާއިލީ ގެކޮޅުގެ ސިކިޔުރިޓީ ފޫއަޅުވާލައި އެ ގެކޮޅަށް މީހަކު ވަނުމުގެ ފުރުސަތު ލިބިފައިވާކަމީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. އަދި އެކަމަކީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށާއި އިޙްމާލުނުވުމަށާއި އަދި ފަރުވާތެރިވެ، ސީރިއެސްވުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ޕާރޓީން އިލްތިމާސްކުރަމެވެ. އަދި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމު ޢަދުނާނަށް ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދެއްވުމަށް މި ޕާރޓީން ގޮވާލަމެވެ.