އިއުލާނު: MDP/2021/0023 ދާއިރާތަކުގެ އިންތިޚާބު 2021 ގައި ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރުން

މިޕާޓީގެ ނަންބަރު MDP/2021/0021 (11 ސެޕްޓެމްބަރ 2021) އިޢުލާނުން ޢާންމުކުރި މިޕާޓީގެ ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާތަކާއި އިންތިޚާބާ ބެހޭ ކޮމިޓީއަށް ފާހަގަކުރެވިފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ދާއިރާތަކުގެ އިންތިޚާބު 2021 ގެ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އިޢުލާނު ކުރީމެވެ.
މިގޮތުން، މިލިސްޓް ފައިނަލްކުރުމުގައި މައިގަނޑު 3 ކެޓެގެރީއެއްގެ މީހުންގެ ޝަކުވާއަށް ރިއާޔަތްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އެއީ؛
(ހ)- ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ
(ށ)- ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީ
(ނ)- އެހެން ސިޔާސީ ޕާޓީއެއްގައި ނަން އޮވެގެން ނަން އުނިކުރެވިފައިވާ ފަރާތްތަކުގެ ކެޓެގެރީ
1- ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުގެ ނަން އުނިވެފައިވާ ކެޓެގެރީ އާއި، ޕާޓީގެ މެންބަރުން ނޫން އެހެން ފަރާތްތައް މެންބަރުންގެ ގޮތުގައި ތިބި ކަމަށް ބުނާ ކެޓެގެރީގައި ހިމެނޭ ފަރާތްތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގައި އިންތިޚާބާބެހޭ ކޮމިޓީން ބަލާފައިވަނީ، އެފަރާތްތައް ޕާޓީއަށް ފޯމު ހުށަހެޅުމުން ޕާޓީއަށް ފޯމު ބަލައިގަތުމަށްފަހު އެފަރާތަކަށް ދޫކުރާ ރަސީދު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ޕާޓީއަށް ހުށަހެޅުމުން އެފަރާތެއްގެ ޝަކުވާއަކީ ޞައްޙަ ޝަކުވާއެއްކަމުގައި ބެލުމުގެ އުޞޫލުންނެވެ. އެހެންކަމުން، ވޯޓުލާ މީހުންގެ ލިސްޓުގައި މިހާރު އެވަނީ އެގޮތަށް އަމަލުކޮށްފައިވާ ފަރާތްތައް ހިމަނާފައެވެ.
2- އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނަން އޮވެގެން ނަން އުނިކުރި ފަރާތްތައް، އެހެން ޕާޓީއެއްގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވަނީ ކޮން ތާރީޚެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ޗެކްކުރުމަށްފަހު، އެތާރީޚަކީ މި އިންތިޚާބުގެ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ ދަފްތަރުގައި ނަން ހިމެނުމަށް އޮތް އެންމެ ފަހު ތާރީޚުކަމުގައިވާ 24 އޭޕްރީލް 2021 ގެ ކުރީގެ ތާރީޚެއް ނަމަ، އެފަރާތެއްގެ ނަން އެވަނީ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓުގައި މިހާރު ހިމަނާފައެވެ.
ވީމާ، އިސްވެ ދެންނެވި އުޞޫލުގެ މަތީން، ދާއިރާތަކުގެ އިންތިޚާބު ކޮމިޓީން ނިންމި ނިންމުމާއި އެއްގޮތަށް އެކުލަވާލާފައިވާ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް އިޢުލާންކުރީމެވެ. ލިސްޓު ބެއްލެވުމަށް، އަދި ނަންއޮތްތޯ ބެއްލެވުމަށް ތިރީގައިވާ ލިންކުތައް ބޭނުންކުރެއްވުން އެދެމެވެ.

ލިސްޓް ޑައުންލޯޑް ކުރެއްވުމަށް މިލިންކަށް ފިތާލައްވާ

މެމްބަރެއްތޯ ޗެކް ކުރެއްވުމަށް މިލިންކަށް ފިތާލައްވާ

މެމްބަރެއްތޯ ޗެކް ކުރެއްވުމަށް އެސްއެމްއެސް ކުރައްވާނީ MDP(space)IDnumber ޖެއްސެވުމަށްފަހު 637 އަށް