އަނެއްކާ ވެސް ބޮމެއް ގޮއްވާލައި ރާއްޖޭގައި ޓެރަރިސްޓް
ޙަމަލާއެއް ދޭޭނޭ ކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ އެކަން ކުށްވެރިކުރާހިނދު، އެ އިންޒާރު ސީރިއެސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ޚިދުމަތްތަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ގޮވާލަމެވެ.
މޭ މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވާލައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށްފަހު، މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ އެފަދަ ޓެރަރިސްޓް ޙަމަލާއެއްގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތެވެ. މިގޮތުން ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނޭ ކަމަށާއި ދިވެހި ޤައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ.
މިސްކިތަކީ ޙުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު، މިސްކިތުގެ ޙުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ، ސީދާ އެ ނިޔަތުގައި އެކަން ރާވާ ތަންފީޒުކުރުމަށް މަސައްކަތްކުރަމުންދާ ޓެރަރިސްޓުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ.
މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ޤައުމަށް ޓެރަރިޒަމުގެ ނުރައްކާ އޮތް މިންވަރެވެ.
މަރުތަކާ ބެހޭ
ރިޔާސީ ކޮމިޝަނުގެ ތަޙްޤީޤް ރިޕޯރޓްގައި، ބައެއް މިސްކިތްތަކުގައި، އޭގެ ތެރޭގައި ނޫރު މިސްކިތް ހިމެނޭގޮތުން، ހަރުކަށި ފިކުރުގެ ބައެއް ލީޑަރުން އެމީހުންނާ ގުޅުން އޮންނަ ބޭރުގެ ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅިގެން އެ އެމީހުންގެ ފިކުރު ކުރިއަރުވައި އޮޕަރޭޝަންތައް ހިންގާކަން ފާހަގަކޮށްފައިވާއިރު، ހަމަ އެ މިސްކިތުގައިި މި ފަދަ ޓެރަރިސްޓް އިންޒާރެއް ލިޔެފައިވުމަކީ ސަލާމަތީ ޚިދުމަތްތަކުން އެއަށް ފަހު ވެސް ސާވެލެންސްކޮށް އެކަންތައް ރަނގަޅަށް ނުބެލިވާކަމަށް ތުޙުމަތުކުރުމުގެ ޖާގަ އޮތްކަމެއް ކަމުގައި ދެކެމެވެ.
މި މިންވަރުގެ ޓެރަރިޒަމުގެ ނުރައްކާ އޮތްއިރު ވެސް ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އޮތްކަމަށް ނުދެކެވިވާަކަމީ މި ޕާރޓީން ކަންބޮޑުވާ ކަމެކެވެ.
އެހެން ކަމުން ޓެރަރިޒަމުގެ ނުރައްކާތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި އިތުރަށް ސަމާލުވެވަޑައިގެން ވަގުތުން ވަގުތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ސަލާމަތީ ޚިދުމަތްތަކަށާއި ސަރުކާރަށް އިލްތިމާސްކުރަމެވެ.