ނޫސް ބަޔާން

މިޕާޓީގެ އަސާސްތައް އޭގެ މައްޗަށް ބިނާވެފައިވާ އެންމެ މައި އެއް ތަނބަކީ އިންސާފުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. ފަނޑިޔާރުގެތަކުން އަދުލު އިންސާފު ލިބޭނޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ލިއްބައިދިނުމެވެ.
4 ސެޕްޓެމްބަރ 2021 ދުވަހު، ކުރީގެ ބައެއް ފަނޑިޔާރުންނާއި އަދި ބައެއް ޤާނޫނީ ވަކީލުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ދައްކާފައިހުރި ވާހަކަތަކަކީ މިޕާޓީން ނުހަނު ކަންބޮޑުވާ ވާހަކަތަކެއްކަމުގައި ދަންނަވަމެވެ. ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޝަރީޢަތުގެ ކަންކަން ހިނގައި ދިޔަގޮތް ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ނޫންކަން ސާފުވެއެވެ. އެ ޕްރެސް ކޮންފަރެންސްގައި ދެއްކި ވާހަކަތައް ރައްދުވި އެއިރުގެ އެހެން ފަނޑިޔާރުން ވަނީ އެވާހަކަތައް މީޑިޔާގައި ދޮގުކޮށްފައެވެ. އަދި އެ ވާހަކަތައް ރައްދުވި މިހާރު ފަނޑިޔާރުކަމުގެ މަޤާމުގައި ތިއްބެވި ފަނޑިޔާރުންވެސް ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ.
އެ ޕްރެސް ކޮންފަރެންސްގައި ވާހަކަދެއްކެވި ބައެއް ފަނޑިޔާރުންނަކީ އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސާބިތުވެ ފަނޑިޔާރުކަމުން ވަކިކުރުމަށް އެކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް އެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ފޮނުވުމުން މަޤާމުން އިސްތިއުފާ ދެއްވާފައި ތިއްބެވި ބޭފުޅުންނެވެ.
މިޕާޓީން ދެކޭ ގޮތުގައި އިސްވެ ދެންނެވި ޕްރެސް ކޮންފަރެންސްގެ ހަމައެކަނި މަޤްޞަދަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ޝަރީޢަތަކީ އިތުބާރު ހިފޭ ގޮތަށް ހިންގާފައިވާ ޝަރީޢަތެއް ނޫންކަން ރައްޔިތުންނަށް ދެއްކުމަށް މަސައްކަތްކުރުމެވެ. އަދި މަތީ މަރުހަލާގެ ކޯޓުތަކަށް ކަމުގެ ޙަޤީޤަތް އޮޅުވާލައި އެކޯޓުތަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ ސަރުކާރުން ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެއްވެސް ޢަމަލެއް ހިންގަވާފައި ނުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ. ސަރުކާރުގެ އިސް ފަރާތަކާއި ފަނޑިޔާރުންތަކަކާ ދެމެދު ދެކެވިފައިހުރި ވާހަކަތަކެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ އޯޑިޔޯތަކެއްގެ މައްސަލައިގައި ހިމެނޭ ކަމަށް ޝައްކު ކުރެވޭ ފަނޑިޔާރުންގެ މައްސަލައިގެ ތަޙްޤީޤު އަންނަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރަމުންނެވެ. އަދި އެ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތެއްގެ ފޮރެންސިކް ތަޙްޤީޤު ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާކަންވެސް ފާހަގަކުރަމެވެ.
މިޕާޓީން އެދެނީ، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އަމަލުތަކެއް ހިންގާފައިވާކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކުގެ ޖިނާއީ ތަޙްޤީޤު އިތުބާރު ހިފޭނޭ ގޮތަށް އަދި ހަލުވިކަމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގައި ނިންމުމަށެވެ. ޝަރީޢަތަށާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް އެއްވެސް ފަރާތަކުން ހިންގާ ދަށުދަރަޖައިގެ އެ ޢަމަލުތަކަކީ މިޕާޓީން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި އަބަދުމެ ދެކޭނޭ މައްސަލަތަކެކެވެ. އަދި އެފަދަ ޢަމަލުތަކަކީ މިޕާޓީ ޓޮލަރޭޓް ކުރާނޭ ޢަމަލުތަކެއް ނޫނެވެ.