2004 ވަނަ އަހަރުގެ މަޝްހޫރު އޯގަސްޓް 12،13 ގެ ޙާދިސާއަށް 17 އަހަރު ފުރުން ފާހަގަކުރުން

ސަރުކާރަށް ފާޑުކިޔުމާއި އަނިޔާވެރިކަމަށް ދެކޮޅުހަދައި އެއްވެއުޅުމާއި ބަސް ބުނުމުގެ ހުރިހާ ފުރުސަތެއް ބަންދުކޮށްފައި އޮތް، ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރުގެ ތެރެއިން ފުރަތަމަ ފަހަރަށް ގިނަ އަދަދަކަށް އެއްފަހަރާ ރައްޔިތުން ނުކުމެ އަޑުއުފުލި ޙާދިސާއަށް 17 އަހަރު ފުރުން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން ފާހަގަކުރަމެވެ.

2004 ވަނަ އަހަރުގެ އޯގަސްޓް 12، 13 ގައި ޖުމްހޫރީ މައިދާނަށް ސުލްޙަވެރިކަމާއެކު ގިނަ އަދަދަކަށް ރައްޔިތުން އެއްވެފައިވަނީ، ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ސިޔާސީ ޤައިދީން މިނިވަންކުރުމަށާއި، ރާއްޖޭއަށް އިސްލާޙީ ބަދަލުތަކާއި ޑިމޮކްރެސީ ގެނައުމަށް ސަރުކާރަށް ގޮވާލުމަށެވެ. މިއީ އެއިރު ރައްޔިތުން މިގޮތަށް އެންމެ ގިނަ އަދަދަކަށް އެއްވި ފުރަތަމަ ފަހަރެވެ. މި ސުލްޙަވެރި އެއްވުން ދެމިގެން ދަނިކޮށް ސަރުކާރުން އޯޑަރުކޮށްގެން ކުއްލިއަކަށް ހަތިޔާރުއެޅި ސިފައިން ނުކުމެ، އެއްވެފައި ތިބި މީހުންނާ ދިމާލަށް ދުއްވައިގަނެ އެމީހުންގެ ގައިގާ މުގުރުންނާއި ބޫޓުން ތަޅައި، ކަރުނަ ގޭސް ޖަހައި، އެ އެއްވުން އަނިޔާވެރިގޮތަކަށް ރޫޅާލައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވެއެވެ. އަދި ޖަލަށް ލުމަށްފަހުގައި ވެސް އަނިޔާކޮށްފައިވެއެވެ. މީގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މި ޙާދިސާއާ ގުޅިގެން، ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށް، އަސާސީ ޙައްޤުތައް އިތުރަށް ހިފެހެއްޓުމަށް ސަރުކާރުން ފުރުސަތު ހޯދާފައިވެއެވެ. އެހެން ޚުދުމުހުތާރު ޤައުމުތަކެކޭ އެއްފަދައިން، ދައުލަތުގެ މީޑިއާއިން ސަރުކާރުގެ ޕްރޮޕަގެންޑާ ފެތުރުން ކުރިއަށް ގެންގޮސްފައިވާއިރު، އެނޫން ޚަބަރުތައް ފެތުރުން ހުއްޓުވައި އިންޓަރނެޓާއި އެސްއެމްއެސްގެ ޚިދުމަތްތައް ސަރުކާރުން ކަނޑައިލާފައިވެއެވެ.

މިއަދު ދިވެހީންނަށް އާދެވިފައި މިވާ ހިސާބަށް އާދެވިފައި މިވަނީ، އުއްމީދު ނަގާނުލައި، ބިރުފަހަނާޅައި ގޮސް، އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެގޮތުން އިސްލާމީ އަދި ޑިމޮކްރެސީގެ އުސޫލުތަކާއި ސިޔާސީ އަދި ފަރުދީ މިނިވަންކަމާއި އަސާސީ ޙައްޤުތަކާއި، ދިރިހުރުމުގެ ޙައްޤުގެ މައްޗަށް އެކުލެވޭ ޤާނޫނުއަސާސީ އެއް 2008 ވަނަ އަހަރު ހޯދިފައިވެއެވެ. އަދި މި އަސާސްތަކުގެ މައްޗަށް ބިނާވެ، އަށަގެނެ، އަޙުލުވެރިވެފައިވާ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރުމުގައި ދައުލަތާއި ރައްޔިތުން އަބަދުމެ ސާބިތުކަމާ އެކު ތިބުމުގެ މުޙިއްމުކަން ބޮޑުކަން ފާހަކަކުރަމެވެ.

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް