ތުލުސްދޫގައި ބޭއްވި ޑީއާރުޕީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަފްލާ އިންތިޒާމްކުރި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޑީއާރުޕީން ވަކިވެ އެމްޑީޕީއަށް ސޮއިކޮށްފި

18 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

kada-photo-450-x-338

ތުލުސްދޫގައި ދާދި ފަހުން ބޭއްވި ޑީއާރުޕީގެ 5 ވަނަ އަހަރީ ދުވަހުގެ ހަފްލާ އިންތިޒާމްކުރި ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ޑީއާރުޕީން ވަކިވެ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން ތުލުސްދޫ އެމްޑީޕީ އުއްމީދު ގޮފީގެ ރައީސް އިސްމާޢީލް އާމިރު ވިދާޅުވީ ޑީއާރުޕީން މީގެ ކުޑަދުވަސްކޮޅެއްކުރިން ތުލުސްދޫގައި ބޭއްވި އެޕާޓީގެ 5 ވަނަ އަހަރީ ދުވަހުގެ އިޙްތިފާލުތަކަށް ތުލުސްދޫ ތައްޔާރުކުރުމުގައި ރެޔާދުވާލު ބުރަކޮށް މަސައްކަތްކުރި ވަރަށް ގިނަ އަދަދެއްގެ ޒުވާނުން އެމްޑީޕީއާ ގުޅުމުގެ ޝައުޤުވެރިކަން ފާޅުކުރަމުންދާ ކަމަށާއި، ޑިއާރުޕީގެ އަހަރީ ޖަލްސާގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި 20 ޒުވާނަކު މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޚާއްސަ ރަސްމިއްޔާތެއްގައި އެމްޑީޕީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
އާމިރު އިތުރަށް ވިދާޅުވީ މި ކުދިންނަކީ ވަރަށް ހަރަކާތްތެރި ކުދިން ކަމަށާއި، މި ކުދިން ޑީއާރުޕީން ވަކިވެ އެމްޑީޕީއާ ގުޅުމަކީ މިހާތަނަށް ތުލުސްދޫގައި އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. އަދި މީގެ އިތުރުން މިއަންނަ ހުކުރު ދުވަހު މިފަދަ އިތުރު ބައްދަލުވުމެއް އޮންނާނޭ ކަމަށާއި އެ ބައްދަލުވުމުގައި ގިނަ އަދަދެއްގެ އަންހެން ކުދިން އެމްޑީޕީއަށް ސޮއިކުރާނޭ ކަމަށެވެ.
ތުލުސްދޫގައި ބޭއްވި ޑީއާރުޕީގެ އަހަރީ ޖަލްސާއަކީ އެޕާޓީގެ އެތެރޭގެ ކޯޅުން ވަރަށް ރަގަޅަށް ހާމަވެގެންދިޔަ ޖަލްސާއެއް ކަމަށާއި، އަހަރީ ދުވަސް ފާހަގަކުރަން ތުލުސްދޫއަށް ވަޑައިގެންނެވި އެޕާޓީގެ އެއް ނައިބު ލީޑަރު އުމަރު ނަސީރު ވަރަށް ބޮޑަށް އެކަހެރި ކުރައްވާފައި ހުރިކަން ފާހަގަކުރެއްވުނު ކަމަށް ވެސް އާމިރު ވިދާޅުވިއެވެ. އަދި ޑީއާރުޕީން އަހަރީ އިޙްތިފާލުތަކަށް ވަޑައިގެންނެވި އެއްވެސް ބޭފުޅަކު ތުލުސްދޫގެ ރައްޔިތުންގެ ހާލުބައްލަވާލައްވަން އެއްވެސް ގެއަކަށް ވެސް ވަޑައިގެންފައިނުވާ ކަމަށް އާމިރު ވިދާޅުވިއެވެ.
އެމްޑީޕީއާ އަލަށް ގުޅުނު ޒުވާނުންނަކީ ރަށުގެ ތަރައްޤީއަށް ވަރަށް ލޯބިކުރާ ބައެއް ކަމަށް ވިދާޅުވަމުން އާމިރު އިތުރަށް ވިދާޅުވީ ” އެކުދިން ބޭނުންނުވީ ޑީއާރުޕީގެ މަޅީގައި ޖެހި ފިތި، އެކަހެރިވެފައި މިރަށް އޮންނަން. އެކުދިން އެމްޑީޕީއާ ގުޅުނީ ރާއްޖެ ތަރައްޤީ ކުރެވޭނީ އެމްޑީޕީގެ ސަރުކާރެއް އޮވެގެންކަން ޤަބޫލުކުރެވިގެން. އެމީހުން އެބަ ބުނޭ ލީޑަރޝިޕް ބައިބައިވެފައި އޮތް ޕާޓީއަކަށް ވެރިކަމަކަށް ނާދެވޭނޭކަން މިހާރު ޤަބޫލުކުރެވެއޭ. އެކުދިންގެ ޚިޔާލު އެންމެ ބޮޑަށް ބަދަލުވި ސަބަބެއް ކަމަށް އެމީހުން ބުނަނީ އެހާ ބުރަކޮށް ނުނިދާ މަސައްކަތްކުރުމުން ވެސް ޖަލްސާ ނިންމާލާފަ ދަމުން އެކުދިންނަށް ޝުކުރުގެ ބަހެއް ބުނެނުލިތާ، ރަށަށް މިވެނި ކަމެއް ކޮށްދޭނަމޭ ބުނަން ވެސް ޑީއާރުޕީއަށް ނުކުރުުނުކަން.”
މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އެމްޑީޕީއަށް ސޮއިކުރެއްވި ތުލުސްދޫގެ ޒުވާނެއް ކަމަށްވާ ޢަބްދުﷲ އަތީކް ވިދާޅުވީ ” ޑީއާރުޕީއާއެކު މަސައްކަތްކުރީ ރަށަށް ކަންތައްތަކެއް ކޮށްދޭނޭ ކަމަށް ޑީއާރުޕީން ވަޢުދުވެފައިވާތީ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނިމިގެން މިއަދާ ހަމައަށް ވެސް ޑީއާރުޕީން ރަށަށް އެއްވެސް ކަމެއް ކޮށްދީފައި ނެތް. އޭރު ޔޫތު ސެންޓަރެއްގެ ވާހަކަވެސް ދެއްކި. ރާޅާއަޅާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ވެސް ޑީއާރުޕީން ބުނި. އެކަމަކު މިހާރު އޭގެ އެއްވެސް ކަމެއް މިދާއިރާގެ މެންބަރު ވެސް ހަނދާނެއް ނެތް. އެހެންވެ އަޅުގަނޑުމެންނަށް ވިސްނުނީ ރަށަށް ކުރިއެރުން ލިބޭނީ މިހާރުގެ ސަރުކާރާ ގުޅިގެން މަސައްކަތްކޮށްގެން ކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަދި އިތުރު މެންބަރުން އެމްޑީޕީއަށް ވައްދާނަން.”