މާފަންނު މެދު ދާއިރާގެ ފަރާތުން ނެރޭ ނޫސްބަޔާން

​އެމް.ޑީ.ޕީ އަކީ ފިކުރެއްގެ ގޮތުގައި ފެށިގެން އައިސް ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ގޮތުގައި މިއަދު ފެންނަމުން މިދަނީ، އެމް.ޑީ.ޕީ އިން ޤަބޫލުކުރަމުން އައި އުސޫލްތަކުގައި ހިފަހަށްޓަމުން ދިއުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މިސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާރޓީތަކުގެ ނުފޫޒުން ނަމަވެސް މިޕާރޓީ އުފެދިގެން އައި މަޤްޞަދްތަކާ، އަސާސްތަކާއި ސަރުކާރުން ޚިލާފުވަމުންދާކަމުގެ ކޮޅުމަތި މިއަދު މިވަނީ ފެންނަން ފަށާފައެވެ. އަދި މިއަސާސްތައް ހިފަހައްޓައި، ހައްޤުގެ މަގަށް ރުޖޫއަވުމަށް މިޕާރޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މާފަންނު މެދު ދާއިރާއިން ފުރިހަމައަށް ތާއީދުކުރަމެވެ.
މިއަދުގެ ސަރުކާރަކީ އެމް.ޑީ.ޕީ އިސްވެގެން އުފެއްދި ސަރުކާރަކަށްވީ ހިނދު، މިސަރުކާރު ގެނައުމަށްޓަކައި ވީ ވައުދުތައް ފުއްދުމުގައި ފަހަތު ފަޔަށް ބަރުހެލިވަމުންދާ ކަމީ މިއަދު މާފަންނު މެދު ދާއިރާއިން ނުހަނު ކަންބޮޑުވެ އަދި ހިތާމަކުރާ ކަމެވެ. އަދި ” ވައުދުވެ ވައުދު ފުއްދާ” ޕާރޓީއެއްގެ ގޮތުގައި ރައްޔިތުން ބަލައިގަތް ބަލައިގަތުން ނިމުމަކަށް އައިސްދާނެ ކަމުގެ ސިގްނަލް ވޭތުވެ ދިޔަ ލޯކަލްކައުންސިލް އިންތިޚާބުގެ ބައެއް ނަތީޖާއިންވެސް ވަނީ ދައްކައިދީފައެވެ.
އެމް.ޑީ.ޕީގެ އެންމެ އަސާސީ ސިފަތައް ކަމުގައިވާ އަދުލު އިންސާފް ގާއިމް ކުރުމާއި އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތްކުރައްވާނެ، އޯގާތެރި ސަރުކާރެއްގެ ގޮތުގައި ގެނެވުނު މިސަރުކާރުގެ ތެރޭގައި ހިމެނޭ އެކި މަޤާމްތަކުގެ ބޭފުޅުންގެ ފަރާތުން، މި ދެންނެވިފަދަ އެމްޑީޕީގެ އަސާސްތަކާ ޚިލާފް ޢަމަލުތަކާ ހިފެހެއްޓެވުންތައް ތަކުރާރުވަމުންދާ ދިއުމާއި، މިފަދަ ކަންކަމުގައި ބައިވެރި ވަމުންދާ ފަރާތްތަކުގެ މައްސަލަތައް ނުބެލި ދިގުލައިގެން ދިއުމަކީ މިސަރުކާރަށް ރައްޔިތުން ކުރަމުންދާ ތާއީދާއި އިތުބާރު ގެއްލެމުންދާ ކަމެއް ކަމުގައިވެސް މިދާއިރާއިން ދެކެމެވެ.
މިރާއްޖޭގައި އެންމެ ފަހުން ބޭއްވުނު 2018 އިގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖްލީހުގެ އިންތިޙާބުން އެމްޑީޕީ އަށް ލިބުނު ނިސްބަތުން ބޮޑު ކާމިޔާބީތަކަކީ، މިޕާރޓީއިން ވެފައިވާ ވައުދުތައް ފުއްދާނެ ކަމަށް ދިވެހި ރައްޔިތުން ބަލައިގަނެ ކުރި އިތުބާރެއްގެ ނަތީޖާއެވެ. އަދި ވައުދުތަކުގެ ތެރޭގައި ހިމެނޭ، ނުބެލި ދިގުލައިގެން ގޮސްފައިވާ ގޮތްނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުމަށްވީ ވަޢުދާއި ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދަދިނުމަށްވީ ވަޢުދަކީ މިއަދާއި ހަމަޔަށްވެސް ރައްޔިތުން ކެތްތެރިކަމެއް ނެތި އިންތިޒާތު ކުރަމުންދާކަމެއް ކަމުގައި ވިޔަސް، އަދިވެސް މިކަންކަމުގައި އުއްމީދީ މަސައްކަތްތަކެއް ކުރެވެމުންދާތަން ނުފެނުމަކީ މިދާއިރާގެ ރައްޔިތުން ނުހަނު މާޔޫސްވާ ކަމެކެވެ.
ރައްޔިތުންގެ މަޖްލީހަށް ސަރުކާރުން ހުށައެޅި “ނަފްރަތުގެ ބިލް” އަކީ މިވަގުތު މިރާއްޖެއަށް ވަރަށް މުހިއްމު ބިލެކެވެ. އެބިލަކީ މުޖުތަމައުގެ ވަކި ފަރުދުން އަދި ޖަމާއަތްތާކާއި ދޭތެރޭ ނަފްރަތު އުފައްދާ، ލޭބަލްކޮށްގެން، ޖިސްމާނީ ގޮތުން ދެމުންގެންދާ އަނިޔާތަކަށް ނިމުމެއް ގެންނާނެ ބިލެއް ކަމުގައި މިދާއިރާއިން ދެކެމެވެ. މެއި 6 ވަނަ ދުވަހު މި ޕާރޓީގެ ރައީސް އަށް ދެވުނު ރަހުމްކުޑަ އަނިޔާވެރި ހަމަލާއަކީ މިފަދަ ބިލެއް ޤާނޫނަކަށްވެފައި ނެތުމުގެ ސަބަބުން މަގުފުރެދިފައި ތިބި ބަޔަކަށްލިބުނު ނާޖާއިޒް ހިތްވަރެއްގެ ނަތީޖާކަމުގައިވެސް މިދާއިރާއިން ޤަބޫލް ކުރަމެވެ.
ވިމާ އެމް.ޑީ.ޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގޮވާލެއްވުމަށް އިޖާބާދެއްވައި، އެމް.ޑީ.ޕީގެ އަސާސްތައް ދިފާއުކުރައްވައި، ހައްގުގެ މަގަށް ރުޖޫޢަވެވަޑައިގެންނެވުމަށް އެމް.ޑީ.ޕީގެ މާފަންނު މެދު ދާއިރާގެ ފަރާތުން ސަރުކާރަށް ގޮވާލަމެވެ.

އެމް.ޑީ.ޕީ މާފަންނު މެދު ދާއިރާ