މެންބަރުންގެ ޚިޔާލު: ހަސަދަ ވެރިކަމުގެ މޭވާއަކީ ކަރުނައެވެ

18 އޮކްޓޯބަރ 2010

ލިޔުނީ: ހަސަން މާހިރު/ހުޅުދޫ

ހަސަދައާއި، ފިތުނަވެރި ކަމުގައި ތިބެ މިއަދު ރާއްޖޭގެ ދުސްތޫރީ ވެރިކަން ހިންގުމުގެ މައްޗަށް މިގެނެވުނު ތާރީޚީ އިންގިލާބީ ބަދަލުތައް ފުނޑުފުނޑު ކޮށް، މިރާއްޖޭގައި މަލްޓިޕާޓީ ނިޒާމެއްގެ މައްޗަށް ގާއިމުވެ އޮތް ޤާނޫނީ ވެރިކަމުގެ ޑިމޮކްރަޓިކް އުސޫލުތައް އިންދިރާސްކޮށް ލުމަށް މިވެރިކަމުގެ ދުޝްމަނުން އަޑީގައި ތިބެ ކުރައްވާ މަސައްކަތުގެ މައްޗަށް މޭވާއެއް ނެތެވެ.
ރައްޔިތުން ބައިބައިކޮށް، އެބައި މީހުންގެ ހިތްތަކުގައި ފިތުނައިގެ އަލިފާން ރޯކޮށް، ރައްޔިތުންގެ ހިތްތައް ލެންބޭތޯ މިވެރިކަމުގެ ދުޝްމަނުން ކުރައްވާ މަސައްކަތަކީ، ރައްޔިތުންނަށް ވެރިކަމުގެ ފަރާތުން ލިބެންހުރި ކުރިއެރުންތައް ނައްތާލުމެވެ. ޙިކުމަތުގެ މައްޗަށް ބިނާވެ ރާއްޖޭގެ ޤާނޫނު އަސާސީ ރައްޔިތުންގެ ޙާއްސަ މަޖިލީހުން އެކަށައެޅި ހިނދު، ޤާނޫނު އަސާސީ ފުރިހަމަ ކުރުމަށްޓަކާ އެކަށަ އަޅަންޖެހޭ އާއްމު ޤާނޫނުތަކެއް އެބަހުރިކަން މިވެރިކަމުގެ ދުޝްމަނުންނަށް އެނގިވަޑައި ނުގަންނަވަނީ ހެއްޔެވެ؟
މަރަދޫ އާބެޔާ ކަޓާރާހެން، ނުވަތަ ގަންފޭދޫ ހެމަބެޔާ ފަދައިން، ދުޝްމަނުންގެ ބުއްދިއެއް ނެތެވެ. އެހެނީ އަޑިއަޑިން ސިއްރުވެރި ގޮތުގައި ވިސްނުމެއް ނެތި މަދަނީ ބަސް ނޭހުމަށް ސިވިލްސަރ ވިސްއަށް ހިތްވަރުދީ އަތޮޅުތަކުގެ ހަމަހިމޭން މާހަޢުލުގައި ތިބި ނިކަމެތި އަނބި ދަރީންނާއި، އާއިލާއާއެކު، ދިރިއުޅުން ކަޑައްތު ކުރަމުންދާ މާމަމެންނާއި، ކާފަމެންގެ ލޮބުވެތި ދިރިއުޅުމުގެ މައްޗަށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ފަދަ ޒާތުގެ ވާހަކަތައް ދައްކާ ހަސަދަ އުފައްދައި ކަންކަމުގެ ހަގީގަތާއި ޚިލާފަތް ވާހަކަ ދައްކަވާއިރު، ބައެއްގެ މިފަދަ އިހާނެތި ބަދުމާޝީ ވިސްނުމުގައި ލޯބޯކޮށި މުސްކުޅިން ޝާމިލު ކުރަން ވެސް ފަށައިފިއެވެ. ލޮބުވެތި މައުސޫމު ރައްޔިތުންގެ ހިތްތަކާ ކުޅެ، އުމުރުން ދުވަސްވުމުގެ ސަބަބުން ތުރުތުރު އަޅައަޅާ ތިބި މަރު މުސްކުޅިންގެ މެދުގައި ސިޔާސީ އުދާސްތައް އުފެދޭ ޒާތުގެވާހަކަ ދައްކާ މާތްވެގެންވާ އިސްލާންދީން އައްޑަނައަކަށް ހަދާ، ދައުލަތުގެ އިއްޒަތާއި ކަރާމާތް ކަނޑުވާ ރާއްޖޭގެ ވެރިކަމުގެ ބާރު ރަމްޒްކޮށް ދޭ މައިމަރުކަޒާއި، ރައީސުލް ޖުމުހޫރިއްޔާ އިންނަވާ ރިޔާސީ ގަނޑުވަރުގެ ގޭޓްމަތިން ފުންމާލާނެ ކަމުގެ ފޮނިބައިސާ މުސްކުޅި އަންހެނުންގެ ކުރިމަތީގައި ދަނީ މި ވެރިކަމުގެ ދުޝްމަނުން ހާމަ ކުރަމުންނެވެ. މިއީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ވިސްނުންކަމުގައި ވާނަމަ، ނުވަތަ ސިޔާސީ ޕާޓީތަކުގެ ގައުމީ މަސްއޫލިއްޔަތަކީ، މިއީ ކަމުގައިވާނަމަ، ސިޔާސީ ޕާޓީތަކުގެ ޤައުމީ ދައުރު ދަސްކުރައްވަން އިނގިރޭސި ވިލާތައް ދަމާހިނގާށެވެ! ހަސަދަ ވެރިކަމުގެ މޭވާއަކީ ކަރުނައެވެ.