އެ.މް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށް، ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، ރިޔާސީ ވަަޢުދުތައް ފުއްދުން ހަލުވިކުރުމަށް މިޕާޓީގެ ރައީސް ގޮވާލައްވާފައިވާ ގޮވާލުމަށް މައްޗަންގޮޅިި އުތުރު ދާއިރާ ތާއީދު ކުރުން

30 އަހަރު ދުވަހުގެ ހުދުމުޙުތާރު ވެރިކަން ނިމުމަކަށް ގެނައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ފެށުނީއްސުރެއް އަނިޔާވެރިކަމާއި ދެކޮޅަށް ވަކާލާތު ކުރަމުންދާ ޕާޓީއެކެވެ. މިފަހުން ދިން ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓު ޙަމަލާގައި ޝިކާރަަކަށްވެވަޑައިގަތް މި ޕާރޓީ (އެމް.ޑީ.ޕީ. ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެކަމާގުޅިގެން ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާއިން ތާޢީދުކުރެއެވެ.
އެމް.ޑީ.ޕީ އަކީ އަބަދުވެސް އިސްލާމީ ރިވެތި މެދުމިނުގެ އުސޫލުތަކަށް ތާއީދުކުރާ، އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ހަމަހަކަމާއި، ތަރައްޤީ ގެނެސްދިނުމަށް މަސައްކަތް ކުރަމުން އަންނަ ޕާޓީ އެކެވެ. ހަމައެހެންމެ، 2018 ގެ ރިޔާސީ އިންތިހާބު އަދި 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވަޢުދަކީ ގޮތް ނޭންގި ގެއްލުވާލައި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދަދީ, އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދޭން ފިޔަވަޅު އަޅާނެކަމުގެ ވަޢުދެވެ. 6 މެއި 2021 ގައި ދިން ޓެރަރިސްޓް ޙާމަލާ ގައި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ, ބަޔަކު ރޭވުންތެރިކަމާއިއެކު އެމަނިކުފާނުގެ ބޮލުގައި ވަކި ލޭބަލްތަކެއް އަޅުވަައި, މުޖުތަމައުގައި ވަކި ބަޔަކާމެދު ނަފްރަތު އުފެއްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު, އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ޤާނޫނުލް އުޤޫބާތަށް އިސްލާހުގެނައުމުގެ ބިލު ފާސްކޮށް, ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން މިޕާޓީގެ މައްޗަންގޮޅި އުތުރު ދާއިރާއަށް ޤަބޫލު ކުރެވެއެވެ.
އެހެން ނަމަވެސް, ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމަޢުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވަޢުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މައްޗަންގޮޅި އުތުރު ދާއިރާއިން ދެކެމެވެ.
މި ކުޑަކުޑަ އާބާދީއެއް އޮތް މިރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، ރިޔާސީ ވަޢުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެ.މް.ޑީ.ޕީ. ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް ދިފާޢު ކޮށްދެއްވުމަށް މައްޗަންގޮޅި އުތުރު ދައިރާއިން އިލްތިމާސް ދަންނަވަމެވެ.
-ޝުކުރިއްޔާ-
މައްޗަންގޮޅި އުތުރު ދައިރާ ރައީސް
ހަސަން އިޢާދު ސަލީމް (އިއަޑޭ)