އެމް.ޑީ.ޕީ ގެ މައިގަނޑު އަސާސްތައް ދިފާއުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް މިޕާޓީގެ ރައީސް ގޮވާލައްވާފައިވާ ގޮވާލުމަށް ވިލިމާލެ ދާއިރާ ތާއީދު ކުރުން

އެމް.ޑީ.ޕީ އަކީ ދިވެހިރާޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ، މިޕާޓީއުފެދުނީއްސުރެން މިޕާޓީއިން އަބަދުވެސްވަކާލާތުކުރާ އަސާސްތަކަކީ :އެއްވެ އުޅުމުގެ މިނިވަންކަން، ހިޔާލުފާޅުކުރުމުގެމިނިވަންކަން، ހަމަހަމަކަން ގާއިމްކޮށް، ދިރިހުރުމުގެ ހައްޤު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ޕާލިމަންޓް އިންތިޚާބުގައި އެންމެ ހަރުއަޑުކޮށް އެމް.ޑީ.ޕީ އިން ވެފަވާ ވައުދު އަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ވީވައުދެވެ. ނޫސްވެރިން ކަމުގައިވާ ޜިލްވާން އަބްﷲ އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް ޢަލީ އަނިޔާވެރި ގޮތަކަށް މަރާލައި ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ވެރިކަން ކުރާރައް މާލޭގެ މަޖީދީ މަގުގެ މެދުގައި ބޮން ގޮއްވުމާއި ހަމައަށް ކަނކަންދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި “ލޭބަލް” އަޅުވައި، އެމީހުންނާއި މެދު މުޖުތަމުޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް އެންގެން އޮތްއިރު، އެމް.ޑީ.ޕީ ގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔަތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލް ފާސްކޮށް ވަކިވަކި ފަރުދުންނާއި މެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަން ވިލިމާލޭގެ އެމް.ޑީ.ޕީ މެމްބަރުން ގަބޫލު ކުރާހިނދު، ދިވެހި ރައްޔަތުންގެ ޑިމޮކްރަޓިކް ޕާޓީ އަކީ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާއެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި ޤާނޫނު އަސާސީ އިން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އެމް.ޑީ.ޕީ އަބަދުވެސް ޤަބޫލުކުރާނެއެވެ. ރައްޔަތުންގެ ހިއްތަކުގައި ބިރުވެރިކަން އުފަށްދާ ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް އަބަދުވެސް ވިލިމާލެ އެމް.ޑީ.ޕީ މެންބަރުން ގަބޫލް ކުރަމެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފާރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުންނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮޅިކޮށް ރއްޔަތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ ވިލިމާލެ އެމް.ޑީ.ޕީ އިން ނުހަނު ކަންބޮދުވާ ކަމެކެވެ. ނަމަވެސް އިއްތިހާދުގައި ހިމެނޭ މައިނޯރިޓީ ޕާޓީ ނުރުހުން ފާޅުކުރި ހިސާބުން ، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ދިވެހި ރައްޔަތުންގެ ޑިމޮކްރަޓިކް ޕާޓީ އިން ވެފައިވާ ވައުދު ސަރުކާރުން ހަދާން ނައްޓާލުމަކީ މި ޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެށް ކަމަށް ވިލިމާލެ ދާއިރާއިން ދެކެމެވެ. މި ރާއްޖެއަކީ އަމާން ވެއްޓެށް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔަތުންގެ އަސާސީ ހައޤުތައް ހިމާޔަތްކުރުން އިސްކޮއް މިޕާޓީއިން ރައްޔަތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި އެމް.ޑީ.ޕީ ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެމް.ޑީ.ޕީ ގެ މައިގަނޑު އަސާސްތައް ދިފާއު ކޮށްދެއްވުމަށް ވިލިމާލެ ދާއިރާއިން އިލްތިމާސް ދަންނަވަމެވެ.

ބަޔާން ނެރުނީ: ވިލިމާލެ ދާއިރާގެ ހިންގާ ކޮމެޓީ