ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ދިން ޙަމަލާގައި ޝިކާރަކަށްވެވަޑައިގަތް މި ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެކަމާގުޅިގެން ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މާފަންނު އުތުރު ދާއިރާއިން ތާއީދުކުރުން

ދީނީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުން ދިން ޓެރަރިސްޓް ޙަމަލާގައި އެންމެ ފަހުން ޝިކާރަކަށްވެވަޑައިގަތް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ. ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެކަމާގުޅިގެން ސަރުކާރަށް ގޮވާލެއްވި ގޮވާލެއްވުމަށް މާފަންނު އުތުރު ދާއިރާއިން ފުރިހަމައަށް ތާޢީދުކުރަމެވެ.

ސަރުކާރަށް އެ ގޮވާލެއްވުން ގޮވާލައްވާފައި އެވަނީ ދެވަނަ ދެ ޕާރޓީއެއްގެ ރައީސެއް ނޫންކަމާއި، އެގޮވާލެއްވުން ގޮވާލެއްވީ އެމް.ޑީ.ޕީ.ގެ ރައީސް ކަމާއި، އަދި 6 މޭ 2021 ގެ ޓެރަރިސްޓް ޙާމަލާގައި ޝިކާރަކަށް ވެވަޑަގެންފައިވަނީ ވެސް ހުދު އެމަނިކުފާނުކަމުން، މިއީ މާފަންނު އުތުރު ދާއިރާއިން ނުހަނު ސީރިއެސްކޮށް ނަަަގަން ބޭނުންވާ މައްސަލައެކެވެ.

އެމް.ޑީ.ޕީ. ބިނާވެގެންވަނީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމީ ރިވެތި މެދުމިނުގެ އުސޫލުތަކުގެ މައްޗަށްކަމަށްވުމާއި، އަދި މިނިވަންކަމާއި، ހަމަހަކަމާއި، ތަރައްޤީ ގެނެސްދިނުމުގެ އަސާސްތަކުގެ މައްޗަށްކަމަށްވާއިރު، މި އަސާސްތަކާ ޚިލާފު އެހެން ޕާރޓީތަކަކުން މި އަސާސްތައް ބަލިކަށިކޮށްލުމަށް އެމް.ޑީ.ޕީ. ގެ ރައީސުލްޖުމްހޫރިއްޔާ އެއް ހުންނަވާ ވެރިކަމެއްގައި ފުރުސަތު ދެވިގެން ނުވާނޭކަމަށް މި ދާއިރާއިން ޤަބޫލުކުރަމެވެ.

އެގޮތަށް އެކަން ވުމަށް ފުރުސަތުދެވުމަކީ މި ޕާރޓީއަށް ބޮޑު ތާޢީދެއް ކުރިންސުރެ އޮންނަ މާފަންނު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުން މިޕާރޓީއަށްޓަކައި ކޮށްދެއްވި މަސައްކަތާއި އެފަރާތްތަކުގެ އުންމީދުތައް މި ޕާރޓީއަށާއި ސަރުކާރާމެދު ނެތިގެންދާނޭކަމެއްކަމަށް ދެކެމެވެ.

ދީނީ ހަރުކަށި ފިކުރު ރާއްޖޭގައި ފުޅާވެ، އެކަމުގެ ނުރައްކާ އޮތް މިންވަރު ސަލާމަތީ ޚިދުމަތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ އިންކްއަރީ ރިޕޯޓުން ވެސް ސާފުކޮށް ހާމަކޮށްފައިވެއެވެ. އަދި ދީނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ފަރާތްތަކުން އެެހެން މީހުންނަށް ކާފަރެއްގެ ލޭބަލް އަޅުވައި އެފަރާތްތަކުގެ ލޭ ހުއްދަކޮށް، އަދި ގަތުލުކޮށްފައިފައި ވެސް ވެއެވެ. މިމޭރުމުން އެންމެ ފަހުން މި ޕާރޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ޙަމަލާއެއްދީ އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާކޮށް ޒަޙަމްކޮށްލާފައިވެެއެވެ.

މި ޙަޤީގަތް މިހެން އޮތުމުގެ ސަބަބުން، އިސްލާމް ދީނާ ގުޅުވައިގެން ނަފުރަތު އުފައްދައި، މުސްލިމުންނަށް ކާފަރެއްގެ ލޭބަލްއެޅުވުން ޖިނާޢީ ކުށަކަށް ހެދުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު، މަޖިލީހުގެ ޖުޑިޝިއަރީ ކޮމެޓީގެ އެމް.ޑީ.ޕީ.ގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރައްވާފައި ވަނިކޮށް، އެ ކޮމެޓީގެ ނިންމެވުމަށް ވެސް އިޙްތިރާމް ކުރެއްވުމެއް ނެތި، އަނެއްކާ އަލުން ސަރުކާރުން އަމިއްލައަށް އެ ބިލު ނެތިކޮށްލެއްވުމަށް އެޅުއްވި ފިޔަވަޅު މި ދާއިރާއިން ބަލައި ނުގަންނަމެވެ. އެކަމަކީ މި ޤައުމުގައި އޮތް މިފަދަ ސީރިއެސް އަދި ނުރައްކާ މައްސަލައެއް ޙައްލުކުރުމަށް ކުރައްވަން އޮތް އެންމެ ކުޑަ މިންވަރުކަމަށްވާއިރު، އެ މިންވަރުގެ ކަމެއް ކުރެއްވުމުގައި ވެސް ސަރުކާރުން އެއް ސްޓޭންޑެއް ނުހިފެހެއްޓެވިކަމީ، މިދާއިރާއިން އިންތިހާއަށް ކަަންބޮޑުވާކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް، އެމް.ޑީ.ޕީ.ގެ އަސާސްތަކާއި އެމް.ޑީ.ޕީ. އިން ރައްޔިތުންނަށްވީ ވަޢުދު އެއްކިބާކުރައްވައި، ސަރާރުގައި ހިމެނޭ މި ޕާރޓީގެ ފިކުރާ ދެކޮޅު ޕާރޓީތަކަށް ސަރުކާރުން ދީއްލައިލި ދީއްލައިލުމެކަމަށް ދެކެމެވެ.

އެހެންކަމުން، ހަރުކަށި ފިކުރުތަކަށް ބާރުވެރިކަމާއި ކުރިއެރުމާއި ހިތްވަރު ލިބިދޭ މިފަދަ އަމަލުތަކުން، އެމް.ޑީ.ޕީ ނިސްބަތްވާ މި ސަރުކާރުން އިޖާބަނުދެއްވުމަށާއި، އެމް.ޑީ.ޕީ. ގެ އަސާސްތަކަށް އިޙްތިރާމްކުރައްވައި، ރައްޔިތުން މި ޕާރޓީއާމެދު ކުރި އުއްމީދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް މާފަންނު އުތުރު ދާއިރާއިން ސަރުކާރަށް އިލްތިމާސްކުރަމެވެ.

ބަޔާންނެރުނީ: މާފަންނު އުތުރު ދާއިރާ