އެމް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާއުކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ސަރުކާރުން ބާރުއެޅުމަށް މިޕާޓީގެ ރައީސް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ޕާޓީގެ އަންހެނުންގެ ރޫޙުން ތާއީދު ކުރުން

އެމް.ޑީ.ޕީ އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. މިޕާޓީ އުފެދުނީއްސުރެން، މިޕާޓީއިން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ، އެއްވެ އުޅުމުގެ މިނިވަންކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި، ހަމަހަމަކަން ޤާއިމުކޮށް، ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމަށެވެ. މިގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ، އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދެވެ. ނޫސްވެރިޔާ އަޙްމަދު ރިލްވާން ޢަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރިގޮތަކަށް މަރާލާއި، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ، ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި ‘ލޭބަލް’ ތަކެއް އަޅުވައި، އެމީހުންނާއިމެދު މުޖުތަމަޢުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އޮތްއިރު، އެމް.ޑީ.ޕީ.ގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤާނޫނުލްއުޤޫބާތަށް އިސްލާޙު ގެނައުމުގެ ބިލު ފާސްކޮށް، ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ޤާނޫނީ ކުށަކަށް ހަދައިގެންކަން މިޕާޓީގެ އަންހެނުންގެ ރޫހުން ޤަބޫލުކުރަމެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މެދުމިނުގެ ދީނީ ފިކުރުގެ ދައުލަތެއް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރާ ޕާޓީއެކެވެ. މިޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއްނޫނެވެ. އަދި، ޤާނޫނުއަސާސީން ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމް ދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން މިޕާޓީން އަބަދުވެސް ޤަބޫލުކުރާނެއެވެ. ރައްޔިތުންގެ ހިތްތަކުގައި ބިރިވުރިކަން އުފައްދައި، ޤައުމު ނުރައްކަލަށް ވައްޓާލުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް މިރޫޙުން ދެކެމެވެ. ހައްދުފަހަނައަޅާފައިވާ ހަރުކަށި ފަރާތްތަކުން ގޮވާލާ އެފަދަ ގޮވާލުންތަކުގެ ފައިދާ ސިޔާސީ ބައެއް ފަރާތްތަކުން ނަގައި، ދަނޑިވަޅުގެ ބޭނުންކޮށް ޤައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރާ ކަމީ މިރޫޙުން ކަންބޮޑުވާކަމެވެ.
އެހެންނަމަވެސް، ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ މައިނޯރިޓީ ޕާޓީއަކުން ނުރުހުން ފާޅުކުރި ހިސާބުން، ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް، މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ މިޕާޓީގެ އަސާސްތަކާއި ޚިލާފަށް ސަރުކާރުން ނިންމި ނިންމުމެއްކަމަށް މިޕާޓީގެ އަންހެނުންގެ ރޫޙުން ދެކެމެވެ.
މިރާއްޖެއަކީ އަމާން ވެއްޓެއް ޤާއިމުވެފައިވާ ތަނަކަށް ހެދުމަށްޓަކައި، ވަގުތީ ސިޔާސީ މަންފާއަށްވުރެ ރައްޔިތުންގެ އަސަސީ ޙައްޤުތައް ހިމާޔަތްކުރުން އިސްކޮށް، މިޕާޓީއިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ހަލުވިކުރުމަށާއި، އެ.މް.ޑީ.ޕީ. ގެ އަސާސްތަކަށް ސަރުކާރުން އިޙްތިރާމްކޮށް އެ.މް.ޑީ.ޕީ. ގެ މައިގަނޑު އަސާސްތައް ދިފާޢު ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ.