ޖީހާން މަޙްމޫދު އައިޕީޔޫ ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާތީ އެމް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުން މަރުޙަބާ ދެންނެވުން

އެމް.ޑީ.ޕީ. ގެ ހިންނަވަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ޖީހާން މަޙްމޫދު، އިންޓަރ ޕާރލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީގެ މެމްބަރުކަމަށް އިންތިޚާބުވެވަޑައިގެންފައިވާތީ އެމް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުން އެކަމަނާއަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

ޖީހާން މަޙްމޫދު ހޮވިވަޑައިގަތް
ކޮމެޓީ އަކީ އައިޕީޔޫގެ ދާއިމީ ކޮމެޓީތަކުގެ ތެރެއިން މުޙިއްމު އެއް ކޮމެޓީއެވެ. އެ ކޮމެޓީއަކީ ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް ކުރިއެރުވުމުގެ މަސައްކަތްކުރުމަށް އައިޕީޔޫގައި އެކުލަވާލެވިފައި އޮންނަ ކޮމެޓީއެކެެވެ. ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް އަށް ހުރި ގޮންޖެހުންތަައް އެ ކޮމެޓީން ދެނެގަނެ، ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ކުރަންޖެހޭ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުމުން، މުޅި އައިޕީޔޫގެ މެމްބަރުންގެ މެދުގައި ޤަރާރުތަކެއްގެ ގޮތުގައި އެކަންކަން ފާސްކޮށް، އެ ގޮތުން ޑިމޮކްރެސީއާއި ހިޔުމަން ރައިޓްސް ކުރިއެރުވުމަށް އެ ކޮމެޓީން މަސައްކަތްކުރެއެވެ.

ޖީހާން މަޙްމޫދު އައިޕީޔޫ ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީއަށް ހޮވިވަޑައިގެންފައިވާއިރު، މީގެ ކުރިން އައިޕީޔޫގެ މުޅި އޭޝިއާ ޕެސިފިކްގެ ސަރަޙައްދު ތަމްސީލުކުރައްވާ މެމްބަރެއްގެ ގޮތުގައި މި ޕާރޓީގެ ގަލޮޅު އުތުުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވެސް ހޮވިވަޑައިގެންފައި ވެއެެވެ.

އެ.މް.ޑީ.ޕީ. ޕާލަމެންޓްރީ ގްރޫޕުން ޔަޤީންކުރަނީ ޖީހާން މަޙްމޫދު، އައިޕީޔޫ ގެ ޑިމޮކްރެސީ އާއި ހިޔުމަން ރައިޓްސް ކޮމެޓީގެ މެމްބަރެއްގެ ގޮތުގައި އިންނަވައި ފުރިހަމަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމެެވެ.

ބަޔާންނެރުނީ: އެމް.ޑީ.ޕީ. ޕާލަމެންޓްެރީ ގްރޫޕް