ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ 2021 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ޙަމަލާއާ ގުޅޭ ޕާލިމެންޓަރީ އިންކްއަރީއެއް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އިން ހައްދަވައި، ރައްޔިތުންގެ މަޖިލީހުން އެ އިންކްއަރީގެ ރިޕޯރޓް ފާސްކުރައްވާފައިވާތީ، މި ޕާރޓީން އެކަމަށް މަރުޙަބާ ކިޔަމެވެ.
ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަވާފައިވަނީ ވަރަށް ފުރިހަމަ އަދި ތަފްސީލީ އިންކްއަރީ އެއްކަމަށް މި ޕާރޓީން ދެކެމެވެ. އަދި އެ އިންކްއަރީގެ ތެރެއިން ވަރަށް ގިނަ ހޯދުންތަކެއް ހޯއްދެވުމާއެކު، އެ ރިޕޯރޓްގައި ހިމަނުއްވާފައިވާކަން ފާހަގަކުރަމެވެ. މިގޮތުން، ރައީސް މުޙައްމަދު ނަޝީދަށް ޙަމަލާދިނުމަށް މެދުވެރިވި ސަބަބުތަކާއި، ސެކިޔުރިޓީ އަދި އިންޓެލިގެންސް ފޫއަޅުވާލި ގޮތް އެ އިންކްއަރީ ރިޕޯރޓްގައި ފާހަގަކޮށްދެއްވާފައިވުމަކީ ވަރަށް މުޙިއްމު ކަމެއްގެގޮތުގައި ދެކެމެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަވާފައިވާ އިންކްއަރީ އިން 46 ރެކޮމެންޑޭޝަނެއް ހުށަހަޅުއްވާފައިވެއެވެ. އެއިން ކޮންމެ ރެކޮމެންޑޭޝަނަކީ، އިންކްއަރީއަށް ފާހަގަވެފައިވާ ކަންތައްތަކާ ގުޅިގެން، އެކަންތައްތައް އަލުން ތަކުރާރުވިޔަ ނުދިނުމަށް ހުށަހަޅުއްވާފައިވާ، ނުހަނު މުޙިއްމު ރެކޮމެންޑޭޝަންތަކެކެވެ. އަދި އެއީ މި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ތަންފީޒުކުރަންޖެހޭ ރެކޮމެންޑޭޝަންތަކެއްކަމުގައި ދެކެމެވެ.
ޓެރަރިޒަމާއި ދީނީގޮތުން ހައްދުފަހަނާޅާ ދިއުމުގެ ބޮޑު މައްސަލައަކީ ޤައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށް ވާއިރު، އެ އިންކްއަރީ ރިޕޯރޓުން ހުށަހަޅާފައިވާ އެންމެހައި ރެކޮމެންޑޭޝަންތައް ތަންފީޒުކުރުން ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވަގުތުން ފެށުމަށް މި ޕާރޓީން ގޮވާލަމެވެ.