އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނިކަމުގެ މައްސަލައިގަ ކަންބޮޑުވުން ފާޅުކޮށް، ހަރުއަޑުން ކުށްވެރިކުރުން

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކުރަމެވެ.

ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ މިޕާޓީ އިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށާއި، މިފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ މިފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގާ، ކުށްވެރީންނަށް ހައްޤު އަދަބު ލިބިދިނުން މުޙިއްމު ކަމަށް ކަމާބެހޭ މުއައްސަސާތަކަށް މިޕާޓީން ގޮވާލަމެވެ.

އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ މުޙައްމަދު އިނާދު މިޕާޓީން ވަކިކުރުމަށް މިޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.