“ފަރސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު” ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެން، ވާހަކަފުޅުދައްކަވާނެ

8 ޖުލައި 2021 ވީ ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވުމަށް ތާވަލުކޮށްފައިވާ މިސަމިޓު އިންތިޒާމުކުރީ ބަންގްލަދޭޝް ސަރުކާރުންނެވެ. އެޤައުމުގެ ބޮޑުވަޒީރު އަދި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ޗެއަރ ޝެއިޚް ޙަސީނާ އިފްތިތާޙުކޮށްދެއްވާ މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނިޒާމީގޮތެއްގައި އެންމެ ލޮޅުން އެރުން ބޮޑު އިޤްތިސާދުތަކުގެ މެދުގައި ބޭއްވޭ މިފަދަ ފުރަތަމަ ސަމިޓެވެ.

މިސަމިޓުގެ ވެރިންގެ ބައްދަލުވުމުގެ ކޯ-ޗެއަރއެއްގެ ޙައިސިއްޔަތުން ވާހަކަފުޅުދެއްކެވުމަށް ހަމަޖެހިފައިވާ ރައީސް ނަޝީދަކީ ސީވީއެފްގެ ފައުންޑިންގް ޗެއަރ އަދި ތީމެޓިކް އެންބެސެޑަރ ފޮރ އެންބިޝަނެވެ.

މިސަމިޓުގެ އެންމެ މަތީ ފެންވަރުގެ ވަށްމޭޒު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ވަލްނަރަަބަލް 20 ގްރޫޕް (ވީ20) ގެ 48 މެމްބަރު ޤައުމުގެ އެންމެ އިސްވެރިންގެ އިތުރުން އެޤައުމުތަކުގެ ފައިނޭންސް މިނިސްޓަރުންނެވެ. އަދި ޖީ7 އާއި ޖީ20 ޤައުމުތަކުގެ މަންދޫބުންނެވެ. އަދި ބައިނަލްއަޤްވާމީ މާލީ އަދި ތަރައްޤީގެ ޖަމްޢިއްޔާ/ޖަމާޢަތްތައްވެސް މި ސަމިޓުގައި ބައިވެރިވާނެމެއެވެ.

ސްކޮޓްލަންޑުގެ ގްލަސްގޯވްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުން – ކޮޕް26 ގެ ކުރިން މޫސުމަށް އަންނަ ބަދަލުތަކުން އެންމެ ބޮޑު ލޮޅުން އިޤްތިސާދީ އަރާނެ ޤައުމުތައް ކޮޕް26ގައި އެންމެ ބާރު އަޅާންވީ ހަމަތަކާއި، ސިޔާސަތުތަކާއި، ޚިޔާލުތަކުގެ މައްޗަށް މަޝްވަރާ ބަދަލުކޮށް، އެއްގަލަކަށް އަރައި، އެއްބަސްވެވޭނެ ގޮތްތަކެއްގެ މައްޗަށް އަލިކުރުމީ “ފަރސްޓް ކްލައިމެޓް ވަލްނަރަބަލް ފައިނޭންސް ސަމިޓު”ގެ މަޤްސަދެވެ.