އެމް.ޑީ.ޕީ ގެ 16 ވަނަ އަހަރީ ދުވަހުގެ ތަޙްނިޔާ ކިޔުން

26 ޖޫން 2021 ވަނަ ދުވަހަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް 16 އަހަރު ފުރޭ މުނާސަބަތެވެ. އެމް.ޑީ.ޕީ. ގެ އަހަރީ ދުވަހުގެ ތަޙްނިޔާ މި ޕާރޓީގެ އެންމެ އިސް ލީޑަރ އަދި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށާއި، ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށާއި މި ޕާރޓީގެ އެންމެހައި ލޮބުވެތި މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް އަރިސްކުރަމެވެ.

16 ވަނަ އަހަރު ފުރުން ފާހަގަކުރަން ޖެހިފައި މިވަނީ މި ޕާރޓީގެ އެންމެހައި މެމްބަރުންނަށާއި މި ޕާރޓީއަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ނުހަނަ ބޮޑު ސިހުމަކާއި ހިތާމައެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. މި ޕާރޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ޙަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަޙަމްކޮށްލާފައިވާ ވަގުތެއްގައެވެ. މި ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޙަމަލާއެއްގެ އިތުރަށް، މި ޕާރޓީގެ ފިކުރަށާއި މި ޕާރޓީ ބިނާވެފައިވާ އަސްލުތަކަށާއި މި ޕާރޓީގެ ނުގުޑާ އަޒުމަށާއި ހިތްވަރަށް ދިން ޙަމަލާއެކެވެ.

ނަމަވެސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ޤައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫނެވެ. އެމް.ޑީ.ޕީ. އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ފަރުދީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެވެ. އަދި މިއީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ޙަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލެވެ. މި ޕާރޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީއާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ މި ޕާރޓީ ކަމާމެދު ޝައްކެއް ނެތެވެ.

އެމް.ޑީ.ޕީ. ގެ އަޒުމާ، ހިތްވަރާއި ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއަށް ފަހު ވެސް، އިރާދަކުރެއްވިއްޔާ އެމަނިކުފާނާއި މި ޕާރޓީ އަބަދުވެސް ދެމި އޮންނާނީ މި ޕާރޓީ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމަށާއި ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުމަށެވެ.