ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 2011 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

17 އޮކްޓޯބަރ 2010

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، 2011 ވަނަ އަހަރުގެ ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި އެ ތާރީޚް ހަމަޖައްސާފައި އެވަނީ ޤާނޫނީ ގޮތުން އެކިއެކި ކަންކަމަށް ދޭންޖެހޭ މުއްދަތުތަކަށް ވެސް ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށް ފަހުގައެވެ.
އިންތިޚާބާ ގުޅިގެން ޤާނޫނީ ގޮތުން ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމަށް ހުރި މުއްދަތުތައް ގުނަންޖެހޭނީ ބަންދު ދުވަސް ހިމަނައިގެން ކަމަށް ވާތީ، މިކަން މިގޮތަށް ކޮށްފިނަމަ، ޤާނޫނީގޮތުން ކުރުން ލާޒިމްވާ ކަންތައްތައް ކުރުމަށްޓަކައި، ޙައްޖު އަދި ޢީދު ދުވަސް ފަދަ ދީނީ އަދި ޤައުމީ ދުވަސްދުވަހު އަތޮޅު އޮފީސްތަކާއި، ރަށު އޮފީސް ތަކާއި، ކޯޓުތައް ހުޅުވައިގެން މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމުގައި ކޮމިޝަނުން ބުނެއެވެ.
އިންތިޚާބާ ގުޅިގެން ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެކިއެކި ކަންކަމަށް ކެންޑިޑޭޓުންނަށް ދެވޭ މުއްދަތުތަކާއި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގެ އެކިއެކި ކަންކަމަށް ޢާންމުންނަށް ދެވޭ މުއްދަތުތަކަކީ ބަންދު ދުވަހަކާ ގުޅިގެން މެދުކަނޑާލެވޭ ގޮތަކަށް ދެވެން ހުރި މުއްދަތު ތަކެއް ނޫންކަންވެސް އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރެއެވެ.