.
ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލާފައިވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެ ޢަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ރަހީނުކުރުމަށްފަހު އަނިޔާކޮށް އެ ނާޒުކު އުމުރު ފުރައިގެ ކުއްޖަކު މަރާލުމަކީ އެޖަރީމާ ހިންގި ބަޔަކުގެ އަނިޔާވެރިކަން އިންތިހާ ދަރަޖައަށް ގޮސްފައިވާކަމުގެ ހެއްކެކެވެ.
މިކުޑަ މުޖުތަމައުގައި މިފަދަ ޖަރީމާތައް ޖެހިލުމެއްނެތި ހިންގަން މެދުވެރިވާ ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ހަށިފުރާނައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަރުގަދަ އަޒުމަކާއެކު ހަރުދަނާގޮތެއްގައި މުޅިދައުލަތް އެކުގައި މަސައްކަތްކުުރުން ނުހަނު މުހިއްމެވެ.
13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި އަވަސް އަދި ފުރިހަމަ ޖިނާއީ ތަޙްޤީޤެއް ހިންގައި، މުޖިރިމުންނަށް ޙައްޤު އަދަބު ލިބިދިނުން ކަށަވަރުކުރުމުގައި ފަރުވާކުޑަކުރުމެއްނެތި އަމަލުކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަަސާތަކަށް މި ޕާރޓީން ގޮވާލަމެވެ.