މާލޭ ސިޓީ ކައުންސިލަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިޚާބުވި ކައުންސިލަރުންގެ ފަރާތުން ނެރޭ ނޫސްބަޔާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ވަޢުދުވީ ފަދައިން ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު އެވަނީ ގެނެވިފައެވެ. ލޯކަލް ކައުންސިލްގެ އިޙްތިސާސް ކަނޑައެޅި، އިދާރީ އަދި މާލީ ބާރުވެރިކަން ކައުންސިލުތަކަށް އެވަނީ ހޯދައިދެވިފައެވެ. ދިވެހިރާއްޖޭ އަލިވިލިފައި މިވަނީ މިރާއްޖެ ކުރިން ދެކެފައިނުވާފަދަ ރަށްވެހިކަމުގެ ފަތިހަކަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2021 ގައި މިޕާޓީއަށް މާލޭ ސިޓީ ކައުންސިލުން ކާމިޔާބުކުރެވިފައިވަނީ 6 ގޮނޑިއެވެ. ޖުމްހޫރީ ޕާޓީއަށް 1 ގޮނޑިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އިން 11 ގޮނޑިއެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑިއާއިވެސް އެކުގައެވެ. ވުމާއެކު، މާލޭ ސިޓީ ކައުންސިލުގައި އަޅުގަނޑުމެން 6 ކައުންސިލަރުންނީ މައިނޯރިޓީއެވެ.

އެހެންނަމަވެސް، ރައްޔިތުންނަށް ފައިދާއާއި، ލާބަހުރި ކޮންމެ މަަސައްކަތެއްގައި އެމްޑީޕީގެ ކައުންސިލަރުންގެ ފުރިހަމަ އެހީތެރިކަމާއި، އެއްބާރުލުމާއި، ތާޢީދު މާލޭގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އަރުވަމެވެ. ޕީޕީއެމްގެ މޭޔަރަކު ހުންނެވިކަމަށްޓަކައި އަދި އޭނާ ހުށަހެޅުއްވި ކަމެއް ވީމާ ދެކޮޅު ހެދުމުގެ އިދިކީލި ސިފައިން އަޅުގަނޑުމެން ނެއްޓި ތިބޭނެކަމުގެ ޔަޤީންކަންވެސް އަރުވަން މެއެވެ. އެމްޑީޕީގެ އަސާސްތަކާއި، އަގުތައް ނަގަހައްޓާ، ޕާޓީގެ މެންބަރުންގެ ބަސް ކަނުލާ އަޑު އަހަމުންނެވެ. މަޤާމާ ޙަވާލުވެ މި ވޭތިވެދިޔަ ކުރު މުއްދަތުގައިވެސް އަޅުގަނޑުމެން ޢަމަލުކޮށްފައި ހުއްޓަތީ ފެނިވަޑައިގަންނަވާނީ އެހަމައިގައެވެ.

މީގެއިތުރުން، މާލޭގެ ރައްޔިތުންގެ މަސްލަޙަތުތަކުގެ މައްޗަށް ހުޝިޔާރުކަމާއެކު އަޅުގަނޑުމެން ފާރަވެރިވަމުން ދާނަމުއެވެ. އަދި މާލޭގެ ލޮބުވެތި ރައްޔިތުންނަށް ކައުންސިލު ހިނގާނުހިނގާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އަރުވަމުން ގެންދާނަމެވެ. މިމަސައްކަތުގައި މާލޭ ރައްޔިތުން އަޅުގަނޑުމެންނާއެކު ތިއްބަވާނެކަމީ ހިތުގައި ޝައްކު ހިނގާ ކަމެއްނޫނެވެ. 18 ކައުންސިލަރުން ތިއްބަވާ މާލޭ ސިޓީ ކައުންސިލްގެ މައިނޯރިޓީކަމުގައި ތިބެމެ، ކައުންސިލްގެ ހިންގާ ޤަވާޢިދަށް ނިމިދިޔަ ހަފުތާގައި އެމްޑީޕީއިން އިސްވެ ހުށަހެޅި ބަދަލުތައް ފާސްވެފައި އެވަނީވެސް މިނަންގަތް މަގުން ޢާންމުންގެ މަދަދުވެރިކަމާއި، އަޑުއުފުލުމުގެ ސަބަބުންނެވެ.

މާލޭ ސިޓީ ކައުންސިލަށް އަދު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި، އިންސާނީ ވަސީލަތް ނެތުމާއި، ޖާގައިގެ ދަތިކަން ހިމެނެއެވެ. ސިޓީއެއް ހިންގުމަށް އަސާސީގޮތުން ބޭނުންވާ ޢިލްމާއި، ތަމްރީނު ލިބިފައިވާ ފަންނީ މުއައްޒަފުން އަމުދުން ކައުންސިލެއްގައި ނެތެވެ. ކޮންމެ ކައުންސިލަރަކަށް ގޮނޑި، މޭޒާއި، ކޮންޕިއުޓަރެއް ނެތެވެ. ކައުންސިލްގެ ޚިދުމަތްތަކާއި، މުއައްޒަފުންނާއި، ސެކްޝަންތަކާއި، ޑިޕާޓުމަންޓުތައް ހުރީ މާލޭގެ އެތައްމިތަނުގައެވެ.

އެއް ފުރާޅެއްގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ދެވޭނެ މަގަކުން، މާލޭ ސިޓީ ކައުންސިލާ އެކަށީގެންވާ، ހުރިހާ ކައުންސިލަރުންނަށްވެސް އިށީނދެ، ބައްދަލުވެ، މަސައްކަތް ވެވޭނެ ޖާގަ ހުރި ޢިމާރާތަކުން ސިޓީ ކައުންސިލްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖެހޭން ޖެހެއެވެ. އަދި އާރބަން ޕްލޭނަރުންނާއި، އިންޖިނިއަރުންނާއި، ސަރވެޔަރުންނާއި، އައި.ޓީ ސްޕެޝަލިސްޓުންނާއި، އެހެނިހެން ފަންނީ، ސަޕޯޓް ސްޓާފުންވެސް ހަމަޖެހޭން ޖެހެއެވެ. އެކަންކަން ހަމަޖެއްސުމުގައި އަޅުގަނޑުމެން މިދަނީ މާލޭގެ މޭޔަރާއިއެކު މަސައްކަތްކުރަމުންނެވެ. އެމަސައްކަތުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަޤީންކުރަމެވެ.

ޤާނޫނުގެ 41 ވަނަ މާއްދާގެ (ޑ) ގައި ވާގޮތުގެ މަތީން އެކުލަވާލާ މާލޭގެ ލޭންޑް ޔޫސް ޕްލޭން އެކުލެވުމުގެ ބޮޑު މަސައްކަތް މިވަނީ ފެށިފައެވެ. ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ “މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭނަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން” މިމަހުގެ 15 ވާ އަންގާރަ ދުވަހުގެ ރޭ 08:30 އަށްވަނީ ތާވަލުކޮށްފައެވެ. އެބައްދަލުވުމުގެ ލިންކު ތިރީގައި އެވަނީއެވެ.

ލިންކް

މިބައްދަލުވުމުގައި ވީހާވެސް ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން، މާލެއަކީ ހިތްގައިމު، ރައްކާތެރި އަދި އަމާން ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގާންވީގޮތުގެ މައްޗަށް ޚިޔާލާއި، މަޝްވަރާ ދެއްވުން ނުހަނު އެދޭ ވާހަކަވެސް މިފުރުސަތުގައި ދެންނެވީމެވެ.

ބޯހިޔާވަހިކަމާއި، ތޮއްޖެހުން ހިމެނޭގޮތުން މާލޭގެ މަގުތަކާއި، ޢާންމު ޖާގަތަކާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި މައްސަލަތައް ޙައްލުކޮށް، ކަންބޮޑުވުންތައް ފިލުވުމުގައި މުރާލިކަމާއި، ފަރުވާތެރިކަމާއެކު އަޅުގަނޑުމެން ދެމި ތިބޭނަމެވެ.