އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ދިވެހިރާއްޖެ ކާމިޔާބުކޮށް، އޮނަރަބަލް ޢަބްދުﷲ ޝާހިދު އެ މަޤާމަށް ހޮވިވަޑައިގެންފައިވާތީ، އެމް.ޑީ.ޕީ އިން ހޫނު މަރުޙަބާއެއް ދަންނަވަން

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަޤާމު ބޮޑުތަފާތަކުން ދިވެހިރާއްޖެ ކާމިޔާބުކޮށް، ރާއްޖޭގެ ޚާރިޖީ ވަޒީރު އޮނަރަބަލް ޢަބްދުﷲ ޝާހިދު އެ މަޤާމަށް ހޮވިވަޑައިގެންފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) އިން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

މި ކާމިޔާބަކީ އޮނަރަބަލް ޢަބްދުﷲ ޝާހިދަށާއި، ދިވެހި ސަރުކާރަށާއި، މި ޕާރޓީއަށާއި އަދި މުޅި ދިވެހިރާއްޖެއަށް ލިބިގެންދިއަ ބޮޑު ޝަރަފަކާއި ޢިއްޒަތެކެވެ. އަދި މިއީ ދުނިޔޭގެ މިހާ އިސް މަޤާމެއް ފުރުމަށް ރާއްޖޭގެ ރައްޔިތަކު އިންތިޚާބުކުރެވުނު ފުރަތަމަ ފަހަރެވެ.

ނިޔު ޔޯކް ގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި ވޯޓުލުމުގައި، ވޯޓުގައި ބައިވެރިވި 191 މެމްބަރު ޤައުމުތަކުގެ ތެރެއިން 143 ޤައުމުގެ ވޯޓުން އޮނަރަބަލް ޢަބްދުﷲ ޝާހިދު ކާމިޔާބު ހޯއްދަވާފައިވަނީ ދެން ވާދަކުރި ޤައުމު ކަމުގައިވާ އަފްޣާނިސްތާނުގެ މައްޗަށެވެ. އެމަނިކުފާނުގެ ދައުރު ފެށޭނީ 14 ސެޕްޓެމްބަރ 2021 ގައެވެ.

އޮނަރަބަލް ޢަބްދުﷲ ޝާހިދަކީ ޚާރިޖީ ދާއިރާގައާއި ސިޔާސީ ދާއިރާގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރެއްވި ތަޖްރިބާކާރެކެވެ. އެމަނިކުފާނު މި ފަހަރު ހޮވިވަޑައިގެންފައިވާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ޙައިޞިއްޔަތުން ދިވެހިރާއްޖެއާ ގުޅުންހުރި ކަންކަމުގައާއި މުޅި ދުނިއެއަށް ފައިދާވަނިވި ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާނޭކަމުގެ ޔަޤީންކަން އެބައޮތެވެ. މި ޕާރޓީން އެދެނީ އޮނަރަބަލް ޢަބްދުﷲ ޝާހިދުގެ މަސައްކަތްޕުޅުތަކަކީ ކާމިޔާބު މަސައްކަތްޕުޅުތަކަކަށްވުމެވެ.