ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ބޯޑަށް ރަށު ކައުންސިލްތަކުން މެންބަރެއް ހަމަޖެއްސުމާއި ބެހޭ ނިންމުން

ރަށު ކައުންސިލް ތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އައްޔަންކުރާ މެންބަރު ކަނޑައެޅުމަށް ޒޫމް މެދުވެރިކޮށް ޕާޓީގެ ސެކްރެޓޭރިއެޓް އާއި ޕާޓީ އަށް ނިސްބަތްވާ ރަށު ކައުންސިލަރުންނާއި އެކު 23 މެއި 2021 ވީ އާދިއްތަ ދުވަހުގެ ރޭ ބައްދަލުވުމެއް ބޭއްވުނެވެ. ނަމަވެސް ޕާޓީއަށް ނިސްބަތްވާ ހުރިހާ ކައުންސިލަރުންނަށް ބައްދަލުވުމުގައި ބައިވެރިވެވިފައި ނުވުމާއިއެކު، މެންބަރަކު އައްޔަން ކުރުމަށް ވޯޓު ނެގުމަށް ހަމަޖެހިފައިވާ ތާރީޚް 12 ޖޫން 2021 ވާ ހޮނިހިރު ދުހަވުގެ ކުރިން ބައްދަލުވުމެއް ބޭއްވުމަށް އެރޭ ނިންމުނެވެ. އެހެންކަމުން 05 ޖޫން 2021 ވީ ހޮނިހިރު ދުވަހުގެ ރޭ 9.20 ގައި ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 385 ރަށު ކައުންސިލަރުންގެ ތެރެއިން 230 ކައުންސިލަރުންނެވެ. އަދި އެލް.ޖީ.އޭ ގެ ބޯޑަށް ޕާޓިގެ ފަރާތުން ކުރިމަތިލައްވާފައި ތިއްބެވި 05 ކައުންސިލަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ %70 ވޯޓާއިއެކު ހޮވިވަޑައިގަތީ އއ. ތޮއްޑޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ކަރަމް އެވެ.

އެހެންކަމުން، ސެކްރެޓޭރިއެޓްގެ އެދިވަޑައިގަތުމުގެ މަތިން ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވި އެހެން ބޭފުޅުން ނަން އަނބުރާ ގެންދެވުމަށް އެއްބަސްވެ ވަޑައިން، ޕާޓީން ނެރުއްވި ވިޕްލައިން އާއި އެއްގޮތަށް އެލް.ޖީ.އޭ ބޯޑު ގެ މެންބަރުކަމަށް ރަށު ކައުންސިލްތަކުގެ ފަރާތުން އަޙްމަދު ކަރަމް އައްޔަން ކުރުމަށް ނިންމުނެވެ.