ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރްމާ އެމްޑީޕީގެ ޗެއަރޕާސަންއާ ބައްދަލުކުރައްވައިފި

17 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

common-wealth-450-x-338

ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރްމާ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، އެޕާޓީގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު އެމްޑީޕީ ސެކްރެޓޭރިއަޓްގައެވެ.
މިބައްދަލުކުރެއްވުމުގައި ޗެއަރޕާސަން ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއާ މެދު އިތުބާރު އުފައްދަންޖެހިފައިވާ ކަމަށާއި، ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް ކޮށްފައިވާ ފަރާތްތަކާއި ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ފަރާތްތަކާ ދޭތެރޭ މިސަރުކާރުން ފިޔަވަޅު ނާޅާތީ އެމްޑީޕީގެ ގްރާސް ރޫޓުން ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް ވަރަށް ބޮޑަށް ޕްރެޝަރުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޝަރްމާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް މިކުރި ޒިޔާރަތުގެ ސަބަބުން ރާއްޖެއަށް އެހީފޯރުވައިދޭންޖެހޭ ދާއިރާތަކުގެ ތަސައްވުރެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އެގޮތުން ރާއްޖޭގެ ޖުޑީޝިއަރީއާއި، ސިވިލް ސޮސައިޓީ އާއި ޕާލަމެންޓަރީ ޑިމޮކްރަސީ ހަރުދަނާކުރުމަށް ކޮމަންވެލްތުން ރާއްޖެއަށް އެހީތެރިވެދެއްވާނޭ ކަމަށް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސް ޑރ.އަހުމަދު ޝަހީދު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ އާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު ޢަބްދުލް ޤަފޫރުގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހް ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްޓަރ ކަމަލޭޝް ޝަރްމާ ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދުގެ އަރިހަށް ވެސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.