ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ގެ ރައީސް އަދި ރައްޔިޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މޭ ގައި ދިން ޓެރަރިސްޓް ޙަމަލާއިން ލިބިވަޑައިގެންނެވި ބޮޑެތި ޒަޙަމްތަކާއި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ މިދަނޑިވަޅުގައި، ރައީސް ނަޝީދުގެ ސިކިޔުރިޓީއާ ބެހޭގޮތުން ފޮރުވިގެންހުރި ފަރާތަކާ ޙާވާލާދީ “މިހާރު” ނޫހުން އެ މަނިކުފާނަށް އިތުރަށް ފުރައްސާރައަކަށް ވާގޮތަށް ޕްރޮޕަގެންޑާ ފަތުރާފައިވާތީ، މި ޕާރޓީން އެކަމާ މެދު އިންތިހާއަށް ކަންބޮޑުވެ، އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދު އަވަހަރާކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ފުރާނަފުޅު ސަލާމަތްކުރުމުގެ ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، އަދި މިހާރު ވެސް ގެންދަވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުންނެވެ. އެ ޓެރަރިޒަމުގެ ޙަމަލާ ދިނުމުގައި ފަންޑުކުރި ފަރާތްތަކާއި ނުވަތަ އަޑީގައި ތިބި ފަރާތްތައް، ތަޙްޤީޤުން އަދިވެސް ނުހޯދި ވާއިރު، އެ ޙަމަލަ ރައްދުވުމުގައި އެމަނިކުފާނަށް އިލްޒާމުއެޅުވުމަށް މަސައްކަތްކޮށް ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ. މިގޮތުން އެ ޙަމަލާއަކީ އެމަނިކުފާނުގެ މައިންބަފައިންގެ ގެކޮޅުގައި ދިރިއުޅުއްވާތީއާއި އަދި އެމަނިކުފާނުގެ މިޒާޖުފުޅު ހުންނަގޮތުގެ ސަބަބުން ރައްދުވި ޙަމަލާއެއްކަމަށް ސިފަކުރުމަށް މަސައްކަތްކޮށް، ފޮރުވިގެންހުރި ފަރާތާ ޙަވާލާދީ ޕްރޮޕަގެންޑާ ފަތުރާފައިވެއެވެ.
ރައީސް މުޙައްމަދު ނަޝީދަކީ ކްރިޓިކަލް ލެވެލްގެ ރިސްކް އޮތް ފަރާތެއްކަން ސަލާމަތީ ޚިދުމަތްތަކަށް އެނގިފައވާއިރު، އަދި ޤާނޫނުއަސާސީން އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭކަމަށް ލާޒިމުކޮށްފައިވާއިރު، އެ މަނިކުފާނު އަވަހާރަކޮށްލުމުގެ ޓެރަރިޒަމުގެ ޙަމަލާ މަޖީދީމަގުން ރައްދުވުމުން، އެ މަނިކުފާނަށް އެގޮތަށް އިލްޒާމުއެޅުވުމަށް މަސައްކަތްކުރުމަކީ ސިދާ ޕްރޮޕަގެންޑާ އެކެވެ.
ޓެރަރިޒަމުގެ އެ ޙަމަލާ އަމާޒުވެ، އަނިޔާލިބުނު ފަރާތަށް އިލްޒާމުއަޅުވައި މިގޮތަށް ޕްރްޕަގެންޑާ ފަތުރާފައިވާއިރު، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައާއި، ސިފައިންގެ އެންމެ މަތީ ވެރިޔާކަމުގެ މަޤާމުގައި ހުންނަވަނިކޮށް، 7 ފެބްރުއަރީ 2012 ގައި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައި ވެސް އެމަނިކުފާނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިނުވާކަން ކަންބޮޑުވުމާއެކު ހަނދާންއާކޮށްލަމެވެ. އަދި ޖެހިގެން އައި 8 ފެބްރުއަރީ 2012 ގައި ވެސް، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި މީހަކަށް ކަށަވަރުކޮށްދޭންޖެހޭ ސަލާމަތާ ރައްކާތެރިކަން އެމަނިކުފާނަށް ކަށަވަރުކޮށް ނުދީ، ސަލާމަތީ ޚިދުމަތްތަކުން އެމަނިކުފާނު އަނިޔާގެ ތެރެއަށް ދޫކޮށްލާފައިވެއެވެ.
“މިހާރު” ނޫހުގައި ލިޔެފައިވާ ސިކިޔުރިޓީގެ މައްސަލަތަކާ ބެހޭ ވާހަކަ ދެއްކުމުގައި ޙަވާލާދީފައިވާ ފަރާތަކީ، އެނޫހަށް ޔަޤީންކުރެވޭ ފަރާތެއްކަން އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. އަދި އެފަރާތުން “މިހާރު” ނޫހާ ދައްކާފައިހުރީ ސީދާ ރައީސް ނަޝީދުގެ ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ދެއްކި ވާހަކަތަކެއްކަން އަންގައިދިނުމުގެ ގޮތުންކަމަށް ދެކެމެވެ. އެހެންކަމުން އެ ވާހަކަ ދައްކާފައިވަނީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ނުވަތަ ސިކިޔުރިޓީ މައްސަލަތަކުގެ މަޢުލޫމާތު ރަސްމީ ޙައިޞިއްޔަތުން ލިބޭ ފަރާތަކުންކަމަށް ޤަބޫލުކުރެވެއެވެ.
މިއީ ވެސް މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސިކިޔުރިޓީ ކަންކަމާ ގުޅޭ ފަރާތެއްގެ ޙައިޞިއްޔަތުން ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށް ފޯރުކޮށްދިނުމަކީ ނުހަނު ސީރިއެސް މައްސަލައެއްކަމަށް ދެކެމެވެ. އެހެންކަމުން، ފޮރުވިގެންހުރެ ސިކިޔުރިޓީއާ ބެހޭ މަޢުލޫމާތު ނޫހަށްދީ، ރައީސް މުޙައްމަދު ނަޝީދާ ދެކޮޅަށް މިދަނޑިވަޅުގައި ވެސް ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރާ ފަރާތަކީ ސަލާމަތީ ޚިދުމަތްތަކަށް ނިސްބަތްވާ ފަރާތެއްތޯ، ނުވަތަ ރަސްމީ ޙައިޞިއްޔަތަކުން އެފަދަ މަޢުލޫމާތު ލިބިފައިވާ ފަރާތެއްތޯ ބެލުމުގެ އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ.
ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމުގެ ޙަމަލާއަކީ ޤައުމީ މަސްލަޙަތާ ގުޅިފައިވާ ސީރިއެސް ބޮޑު މައްސަލައަކަށްވާއިރު، އެ ޙަމަލައިގެ އަޑީގައި ތިބި ފަރާތްތަކާއި ފަންޑުކުރި ފަރާތްތައް އަދި ވެސް ނުހޯދޭއިރު، އެކި ދިމާތަކުން ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ޕްރޮޕަގެންޑާ ފަތުރައި، އިތުރު ސުވާލުތައް އެފެދޭ މޭރުމުން މަތިމައްޗަށް އިޙްމާލުވެ، ފުރައްސާރަކުރުން ހުއްޓާލުމަށް މި ޕާރޓީން ގޮވާލަމެވެ.