ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙައްމަދު ނޫރައްދީން އަވަހާރަވުމުގެ ފުން ހިތާމައިގައި ބައިވެރިވުން

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙައްމަދު ނޫރައްދީން އަވަހާރަވުމުގެ ފުން ހިތާމައިގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ.) ބައިވެރިވަމެވެ.

އަލް އަމީރު މުޙައްމަދު ނޫރައްދީން އަވަހާރަވުމަކީ ދިވެހި ދައުލަތަށާއި މުޅި ދިވެހި އުއްމަތަށް ލިބިގެންދިއަ ފުން ހިތާމައެކެވެ. އެ އަމީރަކީ ދިވެހި ރަސްކަމުގެ ދަރިކޮޅުގެ ތެރެއިން އެންމެ ފަހާޖެހެންދެން ދުނިޔޭގައި ހުންނެވި އަމީރެވެ. އަލް އަމީރު މުޙައްމަދު ނޫރައްދީންގެ ބައްޕާފުޅަކީ އައްސުލްތާން ޙަސަން ނޫރައްދީނެވެ. އެ ރަދުންގެ މި މަނިއްޕުޅަކީ ދިވެހި ދައުލަތަށް ނުހަނު ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތެދުވެރި، އަމާނާތްތެރިއެކެވެ. ދިވެހި ސަރުކާރު ހިންގެވުމުގެ މަތީ މަޤާމުތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް އެކި ފަހަރުމަތިން ކުރައްވާފައިވާ، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އަލް އަމީރު މުޙައްމަދު ނޫރައްދީން ދިވެހި ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު، 2011 ވަނަ އަހަރު ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނަށް އަރުވާފައެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަލް އަމީރު މުޙައްމަދު ނޫރައްދީންގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިއާ ދަންނަވަމެވެ. އަދި އެ މަރުޙޫމްގެ ފުރާނަފުޅަށް މާތް ﷲ ރަޙްމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވަމެވެ. އާމީން!