ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމަކީ ޤާނޫން އަސާސީއާ ޚިލާފްކަމެއް ކަމުގައި އެމްޑީޕީން ބުނެފި

17 އޮކްޓޯބަރ 2010

ލިޔުނީ: ރާމިޒް

mdp-logo-446-x-4665

ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް އަނެއްކާވެސް ހަމައިން ނެއްޓި ވަކި ޕާޓީއެއްގެ މަސްލަޙަތު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއިޤާނޫނު އަސާސީއާއި ޚިލާފަށް ވަޒީރުންގެ މައްޗަށް ވަކިވަކިން ވޯޓަށް އެހުމަކީ އެމްޑީޕީ އިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެއް ކަމަށް އެޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައިވަނީ”ޤާނޫނު އަސާސީގެ 4 ވަނަ ބާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ވެރިކަން ހިންގުމުގެ ބާރުގެތެރެއިން 115 ވަނަ މާއްދާގެ (ޅ) ގައި ބުނާ ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، ރައްޔިތުންނަށް ޚިދުމަތްކުރައްވަން ތިއްބަވާ އިސްވެރިން ކަމުގައިވާ ދައުލަތުގެ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ކަމުގައި ވިދާޅުވެ، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ކުރަމުންދާ ޣައިރު ޒިންމާދާރު މަސައްކަތްތައް” އެމްޑީޕީން ކުށްވެރިކުރާ ކަމަށެވެ.
އަދި މަޖިލީހުގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނު އަސާސީ ހަދަމުން ދިޔަ އިރު ވަޒީރުންނަށް ރުހުން ދޭންޖެހޭނީ ޖުމްލަކޮށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ވަޒީރުންގެ މަޖިލީހަށް ކަމަށް ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން ވެސް އެނގޭ ކަމަށާއި، އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލިހަށް ވެސް ރުހުން ދީފައިވަނީ ޖުމްލަކޮށް ކަމަށްވީހިނދު، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ވަކިވަކިން ޤާނޫނު އަސާސީއާއި ޚިލާފަށް ވޯޓަށް އެހުމުގެ ފުރުޞަތު އެމްޑީޕީން ނުދޭނޭ ކަމަށް މި ނޫސްބަޔާނުގައި އެމްޑީޕީން ތަކުރާރުކޮށް ބުނެފައިވެއެވެ.
އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާއިން ވަޒީރުންނަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމާއި ދެކޮޅަށް އެމަޖިލީހުން ފާސްކޮށްފައިވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތްކަމަށާއި، އެގޮތުން 26 ނޮވެމްބަރު 2007 ވީ ދުވަހު ބޭއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 219 ވަނަ ޖަލްސާގައި އައްޑު އަތޮޅުގެ މެމްބަރު ޙުސްނުއްސުޢޫދު ހުށަހަޅުއްވައި އައްޑުއަތޮޅުގެ މެންބަރު މުޙައްމަދު އަސްލަމް ތާޢީދުކުރައްވާފައިވާ އިސްލާޙް ގައިވަނީ “އެކިއެކި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ކޮންމެ ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ޔަޤީންކުރަން ވާނެއެވެ. ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަމަށް ބެލެވޭނީ، ވަޒީރުންގެ މައްޗަށް ރުހުން އޮތްކަމަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އެމައްސަލަ ހުށަހެޅިފައިވާ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ އަޣްލަބިއްޔަތުން އެގޮތަށް ފާސްވުމުން” ކަމަށް އިސްލާހް ހުށަހެޅި ނަމަވެސް މި ދެންނެވި އިސްލާހާ އެއް ކޮޅަށް އެދުވަހު އެޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 96 މެމްބަރުންގެ ތެރެއިން އެންމެ 39 މެމްބަރުން ވޯޓުދެއްވުމާ ގުޅިގެން މި އިސްލާޙް ފެއިލްވެފައިވާތީ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯބެލުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަންހުރި ގޮތާއި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވަކިވަކިން ވޯޓަށް އެހުމަކީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއްކަން ކަނޑައެޅިގެން ސާބިތުވާކަމަށް އެމްޑީޕީން ބުނެއެވެ.
އަދި މިނޫސް ބަޔާން ނިންމާލަމުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުން ލާޒިމްކުރާ ކަންތައްތައް އެލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވެރިކަންކުރާ ފަރާތެކޭ އެއްފަދައިން އިދިކޮޅު ޕާޓީތަކުގެ ވެސް ޒިންމާއެއް ކަން އެމްޑީޕީ އިން މިފުރުސަތުގައި އިދިކޮޅު ފަރާތްތަކަށް ހަނދާންކޮށްދޭކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.