ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އަވަސް އިންސާފުވެރި ތަޙްޤީޤެއް ކޮށްދެއްވުމަށް ގޮވާލުން

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމް.ޑީ.ޕީގެ މެމްބަރ އަޙްމަދު ޢީސާގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުޙުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުޙުމަތުކުރެވޭ އެ ޢަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް އަވަހަށް ހިންގަވައިދެއްވުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ކަމާބެހޭ މުވައްސަސާތަކަށް ގޮވާލަމެވެ.

ގެވެށިއަނިޔާއާއި ނުވަތަ އެއްވެސް ބާވަތެއްގެ ލާއިންސާނީ އަނިޔާއާއި، އިންސާނީ ކަރާމަތަށް އުނިކަން އަންނަ ދަށުދަރަޖައިގެ ޢަމަލުތަކަކީ މި ޕާރޓީން އެއްގޮތަކަށް ވެސް ޓޮލަރޭޓްކުރާނޭ ޢަމަލުތަކެއް ނޫނެވެ.

އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލާގައި މި ޕާރޓީން މިއަދުވަނީ މިޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމިގޮތަަށް، އެ މައްސަލައިގެ ޖިނާޢީ ތަޙްޤީޤު ނިމެންދެން، މި ޕާރޓީގެ ޤައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު ޢީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވެއެވެ.

އަޙްމަދު ޢީސާގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން، ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާޢީ ތަޙްޤީޤު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމް.ޑީ.ޕީ. ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރަމެވެ.