ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް ޕޯސްޓް ބިލްޑިންގ މިއަދު ހުޅުއްވައިދެއްވައި، ކާގޯގެ ޚިދްމަތް އިފްތިތާޙުކޮށްދެއްވައިފި

17 އޮކްޓޯބަރ 2010

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޯސްޓްގެ އާ ޢިމާރާތް، މޯލްޑިވްސް ޕޯސްޓް ބިލްޑިންގ މިއަދު ހުޅުއްވައިދެއްވައިފިއެވެ. ޢިމާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން، ޢިމާރާތުގެ ނަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ ކަޝްފުކޮށްދެއްވިއެވެ. އަދި އޭގެކުރިން، އެ ޢިމާރާތުގައި ޤައުމީ ދިދަ، ރައީސުލްޖުމްހޫރިއްޔާ ނަންގަވައިދެއްވިއެވެ.

މިރަސްމިއްޔާތުގައި، މޯލްޑިވްސް ޕޯސްޓުން އަލަށް ފަށްޓަވާ ކާގޯގެ ޚިދްމަތް، ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ. މި ޚިދްމަތް އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން، ކާގޯގެ ގޮތުގައި އެންމެ ފުރަތަމަ ޕޯސްޓުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ޕާރސަލް ފޮނުއްވާ ފޯމުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޕާރސަލް ފޮނުއްވީ، މުލަކަތޮޅު ރަތްމަންދޫ ސްކޫލް ކުއްޖަކަށެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މޯލްޑިވްސް ޕޯސްޓުން ނެރުއްވުމަށް ހަމަޖައްސަވާފައިވާ ސްޓޭމްޕް، މިއަދުގެ ރަސްމިއްޔާތުގައި ނެރުއްވައިދެއްވީ، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރުމާއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޕޯސްޓްގެ ޚިދްމަތަކީ ރާއްޖޭގައި ޤާއިމް ކުރެވިފައިވާ އެންމެ ޒަމާންވީ އެއް ޚިދްމަތް ކަމަށާއި، ދުނިޔެއަށް ޕޯސްޓް ތަޢާރުފު ކުރެވުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގައިވެސް އެޚިދްމަތްދޭން ފަށާފައިވާކަން ފާހަގަކުރެއްވިއެވެ. މިއަދާ ހަމައަށް އާދެވުނުއިރު، ކިތަންމެ ކިތަންމެ ކާމިޔާބީއެއްގެ މަރްޙަލާއެއް ޕޯސްޓް އޮފީސްވަނީ ކަޑައްތު ކޮށްފައި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުދަލާއި ފަސިންޖަރުން ފަސޭހައިން އެއްތަނުން އަނެއް ތަނަށް ނުގެންދެވޭނަމަ، އަޅުގަނޑުމެންނަށް މިއަދު ތަރައްޤީއެއް ނުލިބޭނެ ކަމަށާއި، ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކުރަން ޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ، ދަތުރުފަތުރު ކުރެވޭނެ ރަނގަޅު ނިޒާމެއް ޤާއިމު ކުރުމާއި، މުވާޞަލާތުގެ އެންމެހާ ކަންކަން ވީހާވެސް ފުރިހަމައަށް ރަނގަޅަށް ކުރުން ކަމުގައި ވިދާޅުވިއެވެ.
މޯލްޑިވްސް ޕޯސްޓް ބިލްޑިންގ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމްލޭޝް ޝަރުމާވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކާއި، އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، އެކަމާބެހޭ ސްޓޭމްޕް ސެޓެއް ނެރުއްވައިދެއްވުމަކީ، ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯސްޓްގެ މެނެޖިންގ ޑިރެކްޓަރ ޝާޒްލީ ޝަފީޤު ދެއްކެވި ވާހަކަފުޅުގައި، ޕޯސްޓްގެ ޚިދްމަތްތައް ތަރައްޤީ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެކަމާބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދެއްކުން އޮތެވެ.

މަރްޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، މޯލްޑިވްސް ޕޯސްޓްގެ ޑިރެކްޓަރ ސަލްވާ ޝަފީޤެވެ. ޝުކުރު އަދާކުރެއްވީ، ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުﷲ ވަޙީދެވެ. މިރަސްމިއްޔާތު، ޤުރްއާންގެ ބަރަކާތުން ފަށައިދިނީ މިދިޔަ ރަމަޟާންމަހު މިޞުރުގައި ބޭއްވި ބައިނަލްއަޤްވާމީ ޤުރްއާން ކިޔެވުމުގެ މުބާރާތުން 2 ވަނަ ހޯދި ރާއްޖޭގެ ދަރިވަރު ރިފްދާ މުޙަންމަދު ރަޝީދެވެ.