ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

17 އޮކްޓޯބަރ 2010

2222

ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ކަމަލޭޝް ޝަރްމާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އިސްލާޙް ގެނައުމުގެ މަސައްކަތުގައި ކޮމަންވެލްތްގެ އެހީތެރިކަން ރާއްޖެއަށް ވަރަށް ބޮޑަށް ލިބުނުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ކޮމަންވެލްތަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމުގައި ވިދާޅުވެ، އެ ގޮންޖެހުންތަކާ ބެހޭގޮތުން ސެކްރެޓަރީ ޖެނެރަލަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންނާއި މިކަމުގައި ކޮމަންވެލްތުން ރާއްޖެއަށް ވެދެއްވިދާނެ އެހީތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް މަޝްވަރާ ކުރެއްވިއެވެ.

ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޝަރްމާ ދެއްކެވި ވާހަކަފުޅުގައި، ސިޔާސީ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު ހުރިހާ ފަރާތްތަކަކުންވެސް އިސްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެންބަރުކަމަށް ރާއްޖެ ހޮވިފައިވުމާއެކު އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، އިންސާނީ ޙައްޤުތަކުގެ ދާއިރާއާއި މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނެސްދިނުމަށް ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކުގެ މައްޗަށްވެސް ސެކްރެޓެރީ ޖެނެރަލް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޮކްޓަރ ފަރަޙަނާޒް ފައިޞަލާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު ޙައުލާ އަޙްމަދު ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މިސްޓަރ ކަމަލޭޝް ޝަރްމާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، އެމަނިކުފާނަށް އޮނަރގާޑެއް އެރުވުނެވެ. އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.