ރައީސް މުޙައްމަދު ނަޝީދަށް އިތުރަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް މިއަދު ޖަރުމަނުވިލާތަށް ގެންގޮސްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް މިއަދު އެމަނިކުފާނު ޖަރުމަނުވިލާތަށް ގެންގޮސްފިއެވެ.

އެމަނިކުފާނު އަވަހާރަކޮށްލުމަށް 6 މެއި 2021 ގައި ދިން ޓެރަރިސްޓް ޙަމަލާގައި ލިބިވަޑައިގަތް ބޮޑެތި އަނިޔާތަކުގެ ސަބަބުން ހޭފުޅުނައްތައިގެން އެތަކެއް ގަޑިއިރުތަކަކަށް ދެމިގެންދިއަ އޮޕަރޭޝަންތަކެއް އޭޑީކީ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޚާއްޞަ ޓީމަކުން ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ޙާލުކޮޅުދިއައީ ރަނގަޅުވަމުންނެވެ. މިއަދުގެ އެމަނިކުފާނު ޖަރުމަނުވިލާތަށް ގެންގޮސްފައިވަނީ އިތުރަށް ފަރުވާ ހޯއްދެވުމަށެވެ.

މިފުރުސަތުގައި، އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްކޮށްދެއްވުމަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާކޮށްދެއްވި ކުޅަދާނަ، ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމަށާއި، ނަރުހުންނަށާއި، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް މި ޕާރޓީގެ ނަމުގައި އިޚްލާޞްތެރި ޝުކުރުދަންނަވަމެވެ. އަދި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާކޮށްދެއްވަމުން ގެންދަވާ މި ޕާރޓީގެ މެމްބަރުންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރުދަންނަވަމެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ޙަމަލާއަކީ ޓެރަރިސްޓް ޙަމަލާއެއްގެ އިތުރުން ސީދާ އެ މަނިކުފާނު އަވަހާރަކޮށްލުމަށް ރާވައިގެން ދިން ޙަމަލާއެކެވެ. މީގެ އިތުރުން މިއީ، ދައުލަތުގެ އެއް ބާރުގެ ވެރިޔަކު އަވަހާރަކޮށްލުމަށް އަމާޒުކޮށް، މުޅި ދައުލަތަށް ވެސް ދިން ޓެރަރިޒަމުގެ ޙަމަލާއެކެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގައި ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ރާވައިގެން ދިން ޓެރަރިސްޓް ޙަމަލާއަކީ އިސްލާމް ވަންތަކަމާއި، އިންސާނިއްޔަތު ކަމާއި، މިނިވަންކަމުގެ ދުޝްމަނުންގެ ފިނޑި އަމަލެކެވެ. ރާއްޖޭގައި ހަރުކަށި ފިކުރުތަކާއި ޓެރަރިޒަމާއި އަނިޔާވެރިކަމާ ދެކޮޅުހެއްދެވުމުގެ ރަމްޒެއްގެ ގޮތުގައި އަބަދުވެސް އެމަނިކުފާނު ވެވަޑައިގެންނެވިކަމަށްޓަކައި، އިންސާނިއްޔަތުކަމުގެ ދުޝްމަނުންގެ އެންމެ ބޮޑު އަމާޒުފަތްގަނޑަކަށް އެމަނިކުފާނު ހަދާފައިވެއެވެ. ނަމަވެސް މި މަސައްކަތުގައި އެމަނިކުފާނު ދައްކަވަމުންގެންދަވާ ސާބިތުކަން މި ޕާރޓީން ފާހަގަކުރަމެވެ.