އެމްޑީޕީ އިނގުރައިދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީ އިނގުރައިދޫ ދާއިރާ
ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް

ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް އަދި އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން މާލޭގެ މެދުގައި ބޮމެއް ގޮއްވާލައިގެން ދިން ބިރުވެރި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިހަމަލާއިން ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދަށާއި މިހަމަލާގައި ޒަޚަމްވީ އެންމެ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެމެވެ.

މި ބިރުވެރި ހަމަލާ ދިން ރަހުމުކުޑަ ޓެރަރިސްޓުންނާއި މިހަމަލާ ދިނުމަށް ރާވައި ޚަރަދުކުރި ފަރާތްތަކާއި، މިފަދަ ހަމަލާއެއް ދިނުމަށް ހިތްވަރުދީ އެކިގޮތްގޮތުން ވާގިވެރިވީ އެންމެހާ ފަރާތްތައް ހޯދައި، ޤާނޫނުގެ ކުރިމައްޗަށް ގެނެސް އެންމެ ހަރުކަށި އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ގޮވާލަމެވެ. އަދި މިދިވެހި މުޖްތަމަޢުގެ އަމާންކަމަށްޓަކައި އެއިން އެއްވެސް ފަރާތެއް ދޫވެފައި ހުރުމަކީ އެންމެހާ ރައްޔިތުންނަށް އޮތް ނުރައްކަލެއް ކަމުގައި ދެކެމެވެ.

ރައީސް ނަޝީދަކީ އެތައް ބައެއްގެ އެތައް އުއްމީދަކާ ގުޅިފައިވާ މިޤައުމުގެ އެންމެ އަގުހުރި އެއް ރައުސްމާލެވެ. އެމަނިކުފާނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ މިޤައުމާއި ރައްޔިތުންނަށް އުފާފާގަތި ތާހިރު ދިރިއުޅުމެއް ހޯއްދަވައި ދެއްވުމުގެ އަގުނުކުރެވޭ މަސައްކަތުގައެވެ. އެމަނިކުފާނުގެ އަމިއްލަ ނަފްސާއި އަމިއްލަ ދިރިއުޅުން ޤުރުބާން ކުރައްވައިގެން ކުރެއްވި މަސައްކަތަކީ ރައްޔިތުންނަށް މިނިވަންކަމާއި ހައްޤު މިންވަރު ހޯއްދަވައި ދެއްވުމުގެ ވަރުބަލިކަމެއް، ފަސްޖެހުމެއް ނެތް މަސައްކަތުގައެވެ. އެމަނިކުފާނު ގަދަވެ ހެޔޮހާލުގައި އެނބުރި ވަޑައިގެން އެމަސައްކަތުގައި، އެހިތްވަރާއި ޢަޒުމުގައި އަޅުގަނޑުމެންނާއެކު ދެމިހުންނެވުމީ އިނގުރައިދޫ ދާއިރާގެ އެމްޑީޕީ މެމްބަރުންގެ އަބަދުގެވެސް ދުޢާއެވެ.

ބަޔާން ނެރުނީ
މޫސާ ޢުމަރު މަނިކު