އެމްޑީޕީ އުނގޫފާރު ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީގެ ފަޚުރުވެރި ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި އެންމެ މަތީ ދަރަޖައިގެ ފަރުވާތެރިކަމާއި ސީރިއަސްކަން އެކުލެވޭ ބޮޑު ޤައުމީ މައްސަލައެއްގެ ގޮތުގައި މިޖަރީމާގެ ފުރިހަމަ ތަޙްޤީޤް ހިންގައި، މިޖަރީމާ ހިންގި މުޖުރިމުންނާއި މިޖަރީމާގައި ބައިވެރިވެ، ހިތްވަރުދީ ހެދި މީހުން ހޯދައި އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ރައްޔިތުންގެ މިނިވަންކަމާއި ބާރުވެރިކަމަށް ދިން ހަމަލާއެކެވެ. އެއީ ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ރާއްޖޭގައި ހިންގާ ފައްކާކުރުމާ ދެކޮޅަށް ދިން ހަމަލާއެކެވެ. އެއީ އޯގާތެރި ދައުލަތެއް ބިނާކުރުމާ ދެކޮޅަށް ދިން ހަމަލާއެކެވެ. އަދި އެއީ އަޅުގަނޑުމެން އެންމެންނާ ދެކޮޅަށް ދިން ހަމަލާއެކެވެ. އެމަނިކުފާނަށް ފުރިހަމަ އިންސާފާއި ޤަދަރު ފޯރުވައިދިނުމަކީ ފަރުވާކުޑަނުކުރެވޭނެ ދައުލަތުގެ ޤާނޫނީ އަދި އަޚްލާޤީ ވާޖިބެއްކަމުގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރުން ދެކެމެވެ.

މާތްالله ރައީސް ނަޝީދާއި މިހަމަލާގައި އަނިޔާލިބުން އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށިއެވެ. އަދި ކުރިއަށްވުރެ މާ ގަދަކޮށް އެނބުރި ވަޑައިގެން، އެމަނިކުފާނު ފެއްޓެވި އާދަޔާޚިލާފު ޤައުމީ އިޞްލާޙީ މަސައްކަތުގައި ދިވެހި ރައްޔިތުންނާއެކު ދެމިހުންނެވުމުގެ ހެޔޮ ތައުފީޤް މިންވަރުކޮށް ދެއްވާށިއެވެ. އަދި ހަސަދަވެރީންނާއި ޢަދާވާތްތެރީންގެ ކެހިވެރި ރޭވުންތަކުން އެމަނިކުފާނަށް ސަލާމަތްތެރިކަން ދެއްވާށިއެވެ. އާމީން