ގަލޮޅު ދެކުނު ދާއިރާއިން ނެރޭ ނޫސްބަޔާން

ިދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް 6 މެއި 2021 ވީ ބުރާސްފަތި ދުވަހުގެރޭ ދިން ޓެރަރިސްޓް ޙަމަލާ ގަލޮޅު ދެކުނު ދާއިރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ޓެރަރިސްޓް ޙަމަލާ ހާމަކަންބޮޑު ގޮތެއްގައި ފުރިހަމައަށް ތަޙްޤީޤްކޮށް، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ ކަމާއިބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ.
ގަލޮޅު ދެކުނު ދާއިރާއިން ދެކެނީ މިފަދަ ހަމަލާތަކަކީ މުޖުތަމައުގައި ވަކިވަކި ފަރުދުންނާއިމެދު ނަފުރަތު އުފައްދާ، ދޮގު އިލްޒާމް އަޅުވައި، ދީނީގޮތުންނާއި އެނޫންވެސް ގޮތްގޮތުން މުޖުތަމައުގައި ފިތުނަފަސާދަ އުފެދުމުގެ ނަތީޖާއެއްގެ ގޮތުގައެވެ. އެހެންކަމުން މީސްމީޑިއާގައާއި އެނޫންވެސް ތަންތާގައި މިފަދަ ގޮތްގޮތަށް ޢަމަލުތައް ބަހައްޓާ ފަރާތްތަކާއިމެދު އަވަސް ފިޔަވަޅު އެޅުމުގެ މުޙިއްމުކަން ފާހަގަ ކުރަމެވެ.
އަދި މިފުރުޞަތުގައި، ރައީސް ނަޝީދަށް އަވަސް ޝިފާއެއް ދެއްވާ ޢާއިލާއަށް ކެއްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މާތް ރަސްކަލާނގެ އިރާދަފުޅާއިއެކު، ކުރިއަށްއޮތް ތަނުގައިވެސް މިރާއްޖޭގެ އިސްލާޙީ މަސައްކަތުގައި ގަލޮޅު ދެކުނު ދާއިރާ އޮންނާނީ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައެވެ.

ޢަބްދުލް މަޖީދު
ގަލޮޅު ދެކުނު ދާއިރާގެ ނައިބު ރައީސް