ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް، ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގޮވައިލާ ގަލޮޅު އުތުރު ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާ ކުށްވެރިކޮށް، މިޖަރީމާ ރާވާ، ހިންގި ފަރާތްތަކާއި، ގޮތްތަކުގެ މައްޗަށް ފުރިހަމަ ތަޙްޤީޤެއް ހިންގުމަށް ގަލޮޅު އުތުރު ދާއިރާއިން ސަލާމަތީ ބާރުތަކަށް ގޮވައިލަމެވެ.

ރައީސް ނަޝީދަކީ ހެޔޮވެރިކަމާއި އިންސާނީ ޙައްޤުތަކާއި އިންސާފުގެ ވަކާލާތުގައި މުޅި ޤައުމު ހޭއެރުއްވެވި ގަލޮޅުގެ ފަޚުރުވެރި ދަރިއެވެ. ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފިކުރިއްޔާތާ ވައްކަމާއި ޚަރާބުގެ މަގުގެ އަހުލުވެރިންނާ ދިވެހިރާއްޖެއާ ދެމެދު ހުރި ނިވާފަތްގަނޑެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ސިހިވަޑައިނުގަތުމާއި، ނުގުޑާފަދަ، ޢަޒުމާއި ހިތްވަރު ދެއްކެވުމުގެ ވަސީލަތުން ދިވެހި ރައްޔިތުންގެ ލޯތްބާއި، އިޙްތިރާމް މިލްކުކުރައްވައިގެން ހުންނެވި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ޗެންޕިއަނެވެ. ގަލޮޅު އުތުރު އަބަދުވެސްވާނީ ރައީސް ނަޝީދާއެކު ސާބިތުވެ ފަހަތްޕުޅުގައެވެ.

ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ހިފެހެއްޓުމެއް ނެތް އިޚްލާސްތެރި ދުޢާ ދަންނަވަމެވެ. އަދި މިހިތްދަތި ދަނޑިވަޅުގައި، ރައީސް ނަޝީދުގެ ޢާއިލާއަށާއި، ގާތްތިމާގެ، އެކުވެރި، އަދި ހެޔޮއެދޭ އެންމެހައި ފަރާތްތަކަށް ހިތްވަރު ދެއްވުން އެދި ދުޢާ ދަންނަވަންމެވެ.
7 މޭ 2021، 9 ގ. 30 މ.