އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދައް އަމާޒުކޮށް ދީފައިވާ ނިރުބަވެރި ހަމަލާ ކުއްވެރިކޮށް އެމް.ޑީ.ޕީގެ ބާރަށުދާއިރާގެ ފަރާތުންނެރޭ ނޫސްބަޔާން.

އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީސްގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 06 މެއި 2021 ވަނަދުވަހުގެ ރޭ ދީފައިވާ ނިރުބަވެރި ހަމަލާ އެންމެހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. އަދި އަޅުގަނޑުމެންދެކެނީ ރޭގެ ވަގުތެއްގައި ދެވުނު ނިރުބަވެރި ހަމަލާއަކީ ރަޙުމްކުޑަ، ދަށުދަރަޖައިގެ، އަނިޔާވެރި ޓެރަރިޒަމްގެ ހަމަލާއެއް ކަމަށެވެ. އަދި މިއީ ރައްޔިތުންގެ މަޖްލީހުގެ ރައީސް މަޤާމްގައި ހުންނެވި ފަރާތަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއަކަށްވާތީ، މިކަމާމެދު އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވެ ހިތާމަކުރާކަމެއްކަމުގައިވެސް ދަންނަވަމެވެ.
މިފަދަ ނުރައްކާތެރި ޓެރަރިޒަމްގެ ޢަމަލް ތަކުގެސަބަބުން އާންމު ރަށްޔިތުންނަށް ބޮޑެތި ގެއްލުމާ ކުރިމަތިވެ، ދިވެހިޤައުމުގެ އަމަންއަމާންކަން ގެއްލި އިޖްތިމާއީފޭރާން ބަލިކަށިވާކަންވެސް ފާހަޤަކުރަމެވެ.
މިނުރައްކާތެރި ހަމަލާ ދިނުމުގައި ބައިވެރިވެފައިވާ އެންމެހާފަރާތްތައް ހޯދައި، ހައްޤު އަދަބު ދިނުމަށް ކަމާގުޅޭ މުއައްސަސާ ތަކަށް އަޅުގަނޑުމެން ގޮވާލަމެވެ. މިހަމަލާގެ ސަބަބުން ގެއްލުން ލިބުނު އެމް.ޑީ.ޕީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސްއަށް އަދި އެހެނިހެން ހުރިހާ ފަރާތްތަކަކަށް އަވަސް ޝިފާއެއް މިންވަރު ކޮށްދިނުމަށް އެދި ދުޢާދަންނަވަމެވެ.
މާތް ﷲ މިލޮބުވެތި ފަސްގަނޑަކީ އަމަންއަމާން ޤައުމެއްގެ ގޮތުގައި އަބަދަށް ލަހައްޓަވާ، މިފަދަ ބިރުވެރި ހަމަލާތަކުން އެންމެހާ ދިވެހީން ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރަމެވެ.

07 މެއި 2021
ދާވޫދު ޢިބްރާޙީމް
އެމް.ޑީ.ޕީ ބާރަށު ދާއިރާގެ ރައީސް