ނޫސް ބަޔާން: ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމާ ދެކޮޅު ހެދުން

MDP-2010-PR-0028ނަންބަރު:
ތާރީޚް: 17 އޮކްޓޯބަރ 2010 (އާދީއްތަ)

ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމާ ދެކޮޅު ހެދުން

mdp-logo-446-x-4665

ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް އަނެއްކާވެސް ހަމައިން ނެއްޓި ވަކި ޕާޓީއެއްގެ މަސްލަޙަތު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް މި ޕާޓީއަށް ވަނީ ފާހަގަކުރެވިފައެވެ. އަދިދަންނަވަމެވެ. ޤާނޫނު އަސާސީގެ ރޫހާއި މިހާތަނަށް މަޖިލީހުގައި އަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކޮށް، ޤާނޫނު އަސާސީއާއި ޚިލާފަށް ވަޒީރުންގެ މައްޗަށް ވަކިވަކިން ވޯޓަށް އެހުމަކީ އެމްޑީޕީ އިން ކަނޑައެޅިގެން ދެކޮޅުހަދާ ކަމެއް ކަމުގައި ތަކުރާރުކޮށް ދަންނަވަމެވެ.
ޤާނޫނު އަސާސީގެ 4 ވަނަ ބާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ވެރިކަން ހިންގުމުގެ ބާރުގެތެރެއިން 115 ވަނަ މާއްދާގެ (ޅ) ގައި ބުނާ ވަޒީރުންގެ މަޖިލީހަށް މީހުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، ރައްޔިތުންނަށް ޚިދުމަތްކުރައްވަން ތިއްބަވާ އިސްވެރިން ކަމުގައިވާ ދައުލަތުގެ ވަޒީރުންނަށް އެބޭފުޅުންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް އިދިކޮޅު ފަރާތްތަކުން ހުރަސްއަޅައި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ކަމުގައި ވިދާޅުވެ، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ކުރަމުންދާ ޣައިރު ޒިންމާދާރު މަސައްކަތްތައް މިޕާޓީން ކުށްވެރިކުރަމެވެ.
އަދި މަޖިލީހުގައި މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނު އަސާސީ ހަދަމުން ދިޔަ އިރު ވަޒީރުންނަށް ރުހުން ދޭންޖެހޭނީ ޖުމްލަކޮށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ވަޒީރުންގެ މަޖިލީހަށް ކަމަށް ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން ވެސް އެނގެން އޮތުމާއި، އާ ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލެވުނު ވަޒީރުންގެ މަޖިލިހަށް ވެސް ރުހުން ދީފައިވަނީ ޖުމްލަކޮށް ކަމަށްވީހިނދު، ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގައި ވަކިވަކިން ޤާނޫނު އަސާސީއާއި ޚިލާފަށް ވޯޓަށް އެހުމުގެ ފުރުޞަތު އެމްޑީޕީން ނުދޭނޭ ވާހަކަ ދަންނަވަމެވެ.
މިހެން ދަންނަވަން މިޖެހުނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާއިން ވަޒީރުންނަށް ރުހުން ދިނުމުގައި ވަކިވަކިން ވޯޓަށް އެހުމާއި ދެކޮޅަށް އެމަޖިލީހުން ފާސްކޮށްފައިވާކަން ވަރަށް ސާފުކޮށް ފެންނަން އޮތުމުންނެވެ. އެގޮތުން 26 ނޮވެމްބަރު 2007 ވީ ދުވަހު ބޭއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 219 ވަނަ ޖަލްސާގައި އައްޑު އަތޮޅުގެ މެމްބަރު ޙުސްނުއްސުޢޫދު ހުށަހަޅުއްވައި އައްޑުއަތޮޅުގެ މެންބަރު މުޙައްމަދު އަސްލަމް ތާޢީދުކުރައްވާފައިވާ އިސްލާޙް ގައިވަނީ “އެކިއެކި ވުޒާރާތައް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ކޮންމެ ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަން ޔަޤީންކުރަން ވާނެއެވެ. ވަޒީރެއްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްކަމަށް ބެލެވޭނީ، ވަޒީރުންގެ މައްޗަށް ރުހުން އޮތްކަމަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އެމައްސަލަ ހުށަހެޅިފައިވާ ޖަލްސާއަށް ހާޒިރުވެ ވޯޓުދިން މެންބަރުންގެ އަޣްލަބިއްޔަތުން އެގޮތަށް ފާސްވުމުންނެވެ.”
މި ދެންނެވި އިސްލާހާ އެއް ކޮޅަށް އެދުވަހު އެޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 96 މެމްބަރުންގެ ތެރެއިން އެންމެ 39 މެމްބަރުން ވޯޓުދެއްވުމާ ގުޅިގެން މި އިސްލާޙް ވަނީ ފެއިލްވެފައެވެ. ވީމާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތްތޯބެލުމުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަންހުރި ގޮތާއި ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުމުގައި މިހާތަނަށް ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ވަކިވަކިން ވޯޓަށް އެހުމަކީ ޤާނޫނު އަސާސީއާއި ޚިލާފްކަމެއްކަން ކަނޑައެޅިގެން ސާބިތުވެއެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާއި، ޤާނޫނު އަސާސީއާއި ޤާނޫނުން ލާޒިމްކުރާ ކަންތައްތައް އެލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވެރިކަންކުރާ ފަރާތެކޭ އެއްފަދައިން އިދިކޮޅު ޕާޓީތަކުގެ ވެސް ޒިންމާއެއް ކަން އެމްޑީޕީ އިން މިފުރުސަތުގައި އިދިކޮޅު ފަރާތްތަކަށް ހަނދާންކޮށްދެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް