އެމްޑީޕީ ދިއްދޫ ދާއިރާއިން ނެރޭ ނޫސްބަޔާން

އެމްޑީޕީ ދިއްދޫ ދާއިރާ އޮފީސް
ހއ ދިއްދޫ، ދިވެހިރާއްޖެ

ނަންބަރު: MDP/A04/NS/2021-001

6 މޭ 2021 ވީ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުން މަޖްލިސްގެ ރައީސް އަދި މިޕާޓީގެ ރައީސް ، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ މިދާއިރާގެ އެންމެހާ އެމްޑީޕީ މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މިދަނޑިވަޅަކީ އެމަނިކުފާނު އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ވަގުތެއްކަން ފާހަގަ ކުރަމެވެ. އަދި މިހަމަލާއިން އެނގިގެންދަނީ ހައްދުފަހަނައަޅާފައި ތިބި މީހުންގެ ނުރައްކާ މިރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ ފަރާތްތަކަށް އޮތް މިންވަރެވެ. މިނިރުބަވެރި ހަމަލާ އަވަސްމިނުގައި ތަހްޤިގުކޮށް ޤާނޫނާއި ޤަވާއިދުގެ ތެރެއިން މިފަދަ ފަރާތްތަކާ ދޭތެރޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް މިދާއިރާގެ ފަރާތުން މިއަދުގެ ސަރުކާރަށާއި ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.
ރައީސް ނަޝީދުއަށް އަމާޒްކޮށް މިފަދަ ފިނޑި ހަމަލާއެއް ދިނުމަކުން އެމްޑީޕީ އާއި އެމަނިކުފާނުގެ ސިޔާސަތުތައް ހިންގުމުގައި ފަސްޖެހުމެއްނެތި ފާޅުގައި މިދާއިރާއިން ދޫނުދެއްވާ، ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން މިޕާޓީގެ ލޮބްވެތި މެމްބަރުންނަށް އަރުވަމެވެ. އަބަދުވެސް މިދާއިރާއިން ހިޔާނާތާއި، ވައްކަމާއި ދެކޮޅަށް އަޑުއުފުލުންމަތީ ދެމިތިބޭނެކަމަށާއި ، އަދި ޑިމޮކްރަސީގެ ހަމަތަށް ދިރުވުމަށް މަސައްކަތް ކުރުންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ.
ރައީސް ނަޝީދުއަށް އަމާޒުކޮށް ދެވުނު ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނުއަށް ލިބިފައިވާ ޒަހަމްތަކަށާއި އަދި މިހަމަލާގައި ޒަހަމްވި އެންމެހާއި ފަރާތްތަކަށް އަވަސް ޝިފާއަށް އެދި ﷲގެ ހަޟްރަތުގައި ދުޢާދަންނަވަމެވެ. އަދި އެމަނިކުފާނުގެ އާއިލާއަށާއި ގެއްލުން ލިބުނު ފަރާތްތަކުގެ އާއިލާތަކަށް ކެއްތެރިކަން ދެއްވުންއެދި ދުޢާ ދަންނަވަމެވެ.