ކޮމަންޑޫ ދާއިރާއިން ނެރޭ ނޫސްބަޔާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީ.ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް، 6 މެއި 2021 ވަނަ ދުވަހުގެރޭ އިރާކޮޅު ދެވުނު ޓެރަރިޒަމްގެ ހަމަލާ، ށ.ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
ރައީސް ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށް ދެވުނު މިނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ ޑިމޮކްރަސީއަށް އަމާޒުކޮށް މުޅި ދިވެހި ދަޢުލަތަށް ދިން ނުރައްކާތެރި ހަމަލާއެކެވެ. މިފަދަ ބޮޑު ނުރައްކާތެރި ހަމަލާދީ ހިންގި ފަރާތްތަކާއި، ރޭވި ފަރާތްތަކާއި، މިޓެރަރިސްޓް ޢަމަލު ހިންގުމަށް ހަރަދު ކުރިފަރާތްތަކާއި، މިކަމަށް ވާގިވެރިވެ ހިތްވަރުދިން އެމެންހައި ފަރާތްތަކުގެ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަޚްޤީޤުކޮށް، އިންސާފުގެ ކުރިމައްޗަށް އެއެންމެން ގެނައުމަށް ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަމެވެ. އަދި، މިތަޚްޤީޤު އެންމެ ހައިޕުރައިރެޓީގެ މައްސަލަ އެއްގެ ގޮތުގައި މިމައްސަލަ، ބޭރުގެ ފަންނީ މާހިރުންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ.
ރައީސް ނަޝީދަކީ ދިވެހި މިރާއްޖޭގެ ރައްޔިތުންގެ ހެވާ ލާބައަށް ހިތްވަރުފުޅާއެކު ވަރުބަލިފުޅުވުމެއްނެތި މަސައްކަތްކުރައްވަމުން ގެންދަވާ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ކޮރަޕްޝަނާއި ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނު ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ތަކުރާރުކޮށް އެކި ފަރާތްތަކުން އިންޒާރުތަކާއި ނުރައްކާތައް އެމަނިކުފާނަށް ކުރިމަތިކުރުއްވަމުންދާކަން ފާހަގަކުރަމެވެ. ނަމަވެސް އެމަނިކުފާނަކީ އެފަދަ ފިޑި ހަމަލާއަކަށް ބިރުންދީލާލާނެ ބޭފުޅެއް ނޫންކަމަށް ވީއިރު، އެމަނިކުފާނަށް ދެވުނު މިލާއިންސާނީ ހަމަލާއަކީ ސީދާ ދިވެހި ހުރިހާ ރައްޔިތުނަށް އަމާޒުކޮށް ދެވުނު ހަމަލާއެއްކަމަށްދެކެމެވެ.
ށ.ކޮމަންޑޫ ދާއިރާގެ ހުރިހާ ރައްޔިތުންގެ އިޚްލާސްތެރި ދުޢާ އަކީ މާތްﷲ ރައީސް ނަޝީދަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމެވެ. އަދި، މި ހަމަލާގައި އަނިޔާވި އެމަނިކުފާނުގެ ސެކިއުރިޓީ ބޭފުޅުންނަށާއި އާންމުގެ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުމެވެ.

ށ. ކޮމަންޑޫ ދާއިރާގެ ރައީސް
އަބުދުﷲ ރަޝީދު އަބްދުއްރަޙްމާން

25 ރަމަޝާން 1442
07 މެއި 2021